މާލެ ތަރައްގީކުރުމަށް ސަރުކާރުން ގެންގުޅޭ ޕްލޭން ގެ ޕްރެޒެންޓޭޝަނުގައިވާ ގޮތުން، މިހާރު ނޯތު ހާބަރު އޮތް ސަރަހައްދު ބަދަލުވެގެން ދާނީ ހިތްހަމަޖައްސާލަން ގޮސް އުޅޭ ތަނެއްގެ ގޮތުގައި. ޕާކުތައް ހިމަނައިގެން އެ ސަރަހައްދު ތަރައްގީކުރުމަށް ނިންމާފައިވޭ. އަދި އެސަރަހައްދުގައި ހުރި އަތޮޅު ފިހާރަތައް "ރެޓްރޯ ރީޓައިލް ފަރިންޖު" ގޮތުގައި ތަރައްގީ ކުރުމަށް ވެސް ވަނީ ނިންމާފައި.

މާލެ ސިޓީގެ އެކި ސަރަހައްދުތައް ތަރައްގީކުރުމަށް ސަރުކާރުން ތައްޔާރުކޮށްފައިވާ ޕްލޭނެއް ހާމަކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން މިޕްލޭން ހާމަކުރީ ރޭ ސިޓީ ކައުންސިލުގެ ފަރާތުން މާލޭގެ ތަރައްގީގެ ޕްލޭނާ ގުޅޭ ގޮތުން މާލެ ރައްޔިތުނާއެކު ބޭއްވި ބައްދަލުވުމުގައި އެވެ.

އެގޮތުން ޕްލޭނިން މިނިސްޓްރީން އެކުލަވާލާފައިވާ މާލެ ސިޓީގެ ތަރައްގީގެ ޕްލޭނުގައިވާ ގޮތުން ނޯތް ހާބަރު ސަރަހައްދު ތަރައްގީކުރުމަށް ނިންމާފައިވާ ގޮތުގެ ޕްލޭނެއް ވެސް ވަނީ ހާމަކޮށްފަ އެވެ.

މާލެ ތަރައްގީކުރުމަށް ސަރުކާރުން ގެންގުޅޭ ޕްލޭނުގައިވާ ގޮތުން، މިހާރު ނޯތު ހާބަރު އޮތް ސަރަހައްދު ބަދަލުވެގެން ދާނީ ހިތްހަމަޖައްސާލަން ގޮސް އުޅޭ ތަނެއްގެ ގޮތުގަ އެވެ. އަދި އެތަނުގައި ޕާކުތައް ހިމަނައިގެން ތަރައްގީކުރުމަށް ނިންމާފައިވާ ކަމަށް އެ ޕްލޭންގައި ބުނެފައިވެ އެވެ. އޭގެ އިތުރުން އެ ސަރަހައްދުގައި ހުރި އަތޮޅު ފިހާރަތައް ނަގައި އެތަން "ރެޓްރޯ ރީޓައިލް ފަރިންޖު" ގޮތުގައި ތަރައްގީކުރުމަށް ވެސް ވަނީ ނިންމާފަ އެވެ.

ބާޒާރުމަތި ތަރައްގީކޮށް ނިންމުމުން އޮންނާނެ ގޮތުގެ ޕްލޭނުގެ ކުރުހުމެއް --

ނޯތު ހާބަރު ސަރަހައްދުގައި ހުރި ދަތުރުވެރިންގެ މާރުކޭޓާއި މަސް މާރުކޭޓް އެސަރަހައްދު ނެގުމަށް ނިންމާފައިވާއިރު މިހާރު ލޯކަލް މާރުކޭޓް ހުރި ސަރަހައްދުގައި ރަނގަޅު ފެންވަރުގެ މަސް މާރުކޭޓެއް ތަރައްގީކުރުމަށް ޕްލޭނުގައި ވަނީ ހިމަނާފަ އެވެ. އަދި، ލޯކަލް މާރުކޭޓް ތަރައްގީކުރަން ނިންމާފައިވަނީ ވެސްޓްޕާކް ސަރަހައްދުގަ އެވެ.

މީގެ އިތުރުން އެ ސަރަހައްދުގައި ހުރި ހޯސޭލް ފިހާރަތައް ބަނދަރާއެކު ގުޅީފަޅަށް ބަދަލުވެގެންދާނެ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ.

ޕްލޭނިން މިނިސްޓްރީން ބުނި ގޮތުގައި، ބަނދަރު ބަދަލުކުރުމާއެކު އެ ސަރަހައްދުގެ ބޮޑު ބިމެއް ހުސްވެގެންދާނެ އެވެ. އެގޮތުން އެ ސަރަހައްދުގައި އެންމެ ގަދައަށް ހިނގާ، ހޯލްސޭލް ވިޔަފާރީގެ މާކެޓް ވެސް ބަނދަރާއެކު ގުޅީފަޅަށް ބަދަލުވާނެ ކަށް އެ މިނިސްޓްރީން ބުންޏެވެ.

އެ ޕްލޭންގައިވާ ގޮތުން އެ ސަރަހައްދަކީ ހިނގާފައިވާ އުޅޭ ސަރަހައްދެއް ގޮތުގައި ތަރައްގީކުރެވިގެންދާއިރު، އެ ސަރަހައްދުގައި ޕަބްލިކް ޓްރާސްޕޯޓްގެ ހިދުމަތް ދިނުމަށް ވަކި ސަރަހައްދުތަކެއް ކަނޑައެޅޭނެ އެވެ.

ޕްލޭންގައި އިތުރަށް ބުނެފައިވަނީ އެ ސަރަހައްދުގައި ސެންޓްރަލް ފެރީ ޓާމިނަލެއް ވެސް ތަރައްގީކުރަން ނިންމާފައި ވަނީ ރަށްރަށުން މާލެއަށް ދަތުރުކުރާ މީހުންނަށް ބޭނުންކުރެވޭ ގޮތަށް ހަދާ ޓާމިނަލެއް ގޮތުގައި ކަމަށެވެ.

ނޯތު ހާބަރު ސަރަހައްދުގެ އިތުރުން ރަސްފަންނު ސަރަހައްދު ވެސް ތަރައްގީކުރުމުގެ ޕްލޭނެއް ސަރުކާރުން ވަނީ އެކުލަވާލާފަ އެވެ. ރަސްފަންނު ސަރަހައްދަކީ ރައީސް ޔާމީން ވެރިކަމުގައި ތަރައްގީ ކުރި ސަރަހައްދެކެވެ.

މިސަރުކާރުގެ ޕްލޭނުގައިވާ ގޮތުން ރަސްފަންނު ސަރަހައްދު ތަރައްގީކުރުމަށް ހަމަޖެހިފައި ވަނީ "ގާޑެން ޕްލާޒާ"ގެ ނަމުގަ އެވެ. އެގޮތުން އެތަނުގައި ކޮމިއުނިޓީ ސެންޓަރަކާއި މާކެޓް ހޯލެއް ގާއިމް ކުރަން ވަނީ ނިންމާފަ އެވެ. އޭގެ އިތުރުން ރެސްޓޯރެންޓްތަކަށް ވެސް ޖާގަ ދޭން ނިންމާފައިވެ އެވެ.

Male' City Map

ކާނިވާ ސަރަހައްދު ތަރުތީބު ކުރުމުގެ ވިސްނުން ވެސް ޕްލޭނިން މިނިސްޓްރީގައި އެބަ އޮތެވެ. އެ ސަރަހައްދު ވެސް ތަރައްގީކުރަން ނިންމާފައި ވަނީ ގިނަ ގަސް އިންދައިގެން ފެހިކަން ބޮޑު ސަރަހައްދެއްގެ ގޮތުގަ އެވެ. ދެން ނިންމާފައި ވަނީ އާޓިފިޝަލް ބީޗް ސަރަހައްދު މިހާރު ތަރައްގީ ކުރަމުންދާ ގޮތަށް ނިންމާލުމަށެވެ.

ޕްލޭނިން މިނިސްޓްރީގެ އަނެއް ޕްލޭނަކީ ކުރީ ސަރުކާރުން ހިއްކައިގެން ހެދި އިންޑަސްޓްރިއަލް ވިލެޖް ވެސް ޕާކެއް ހިމަނައިގެން ތަރައްގީކުރުމެވެ. އެ ތަނަށް ތައްޔާރުކޮށްފައިވާ ޕްލޭނުގައިވާ ގޮތުން އެ ސަރަހައްދުގައި ސެންޓްރަލް ބަސް ޓާމިނަލް ގާއިމްކުރާނެ އެވެ. އަދި، ޕާކިން ޒޯނަކާއި ގަސް ހައްދައި، އާންމުންނަށް ހިތްހަމަޖައްސާލަން ގޮސް އުޅެވޭ ފެހި ބިންތައް ކަނޑައަޅާނެ އެވެ.

އޭގެ އިތުރަށް ބީޗު ކުޅިވަރު ކުޅެވޭނެ ތަންތަން ވެސް ކަނޑައަޅާނެ އެވެ. އެ ސަރަހައްދު ސިނާއީ އެއްވެސް ކަމަކަށް ދޫކުރުމުގެ ވިސްނުމެއް ސަރުކާރުގެ ނެތެވެ.

މާލޭގެ ރައްޔިތުންނާއެކު ސިޓީ ކައުންސިލުން ބޭއްވި ބައްދަލުވުމުގެ ތެރެއިން

ސަރުކާރުގެ މި ޕްލޭން ހާމަކޮށްފައި މިވަނީ، ސިޓީ ކައުންސިލްގެ އެކްޝަން ޕްލޭނުގައި އިންޑަސްޓްރިއަލް ވިލެޖަށް ގުދަންތަކާއި ގަރާޖުތައް ބަދަލު ކުރަން ނިންމާފައި ވަނިކޮށެވެ. އަދި އެކަން ފެށުމަށް ސިޓީ ކައުންސިލުން ސާވޭއެއް ވެސް ފަށާފައި ވަނިކޮށެވެ.

މާލެ ތަރައްގީ ކުރުމަށް ސަރުކާރުން އެކުލަވާލާފައިވާ ޕްލޭނާ ގުޅިގެން ރޭ މާލެ މޭޔަރު ޑރ. މުއިއްޒު ވިދާޅުވީ މާލެ ސިޓީ ތަރައްގީކުރާނީ މާލެ ރައްޔިތުން އެންމެ ބޭނުންވާ ގޮތެއް ބެލުމަށްފަހު އެގޮތަށް ކަމަށެވެ. އެ ގޮތުން އިންޑަސްޓްރިއަލް ވިލެޖް ތަރައްގީކުރުމަށް ސަރުކާރާއި ސިޓީ ކައުންސިލުގެ ހިޔާލު ތަފާތުވިއަސް އެތަން ތަރައްގީކުރާނީ މާލެ ރައްޔިތުންގެ ހިޔާލާ އެއްގޮތައް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެ ސަރަހައްދު ތަރައްގީކުރަން، ސަރުކާރާއި ސިޓީ ކައުންސިލްގެ ވިސްނުން އެއްކޮށް، މުޅި ޕްލޭނަށް ބަދަލު ގެނެސްގެން ވެސް ކުރިއަށް ގެންދެވިދާނެ ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.

ނޯތް ހާބަރު ސަރަހައްދު މިސަރުކާރުން ގުޅީފަޅަށް ބަދަލުކުރުމުގެ ވިސްނުން އޮތް ނަމަވެސް ސިޓީ ކައުންސިލުން ބޭނުން ވަނީ ބަނދަރު ތިލަފުށީގައި ތަރައްގީކުރާށެވެ. މިކަމާ ގުޅިގެން މޭޔަރު މުއިއްޒު ވަނީ ގުޅީފަޅު މާލެ ރައްޔިތުންނަށް ބޯހިޔާވެހިކަން ދިނުމަށް ތަރައްގީ ކުރުމަށް ސަރުކާރަށް ގޮވާލާފަ އެވެ.