ހެލްތު ސާވިސްގެ ޑިރެކްޓާ ޖެނެރަލް މަގާމަށް މީހަކު ހޯދުމަށް ސިވިލް ސާވިސް ކޮމިޝަނުން އިއުލާނު ކޮށްފި އެވެ.

ސިވިލް ސާވިސް ކޮމިޝަނުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ހެލްތު ސާވިސްގެ ޑިރެކްޓާ ޖެނެރަލް މަގާމުގެ އުޖޫރައަކީ 70،000 ރުފިޔާ ކަމަށެވެ. އެއީ މުސާރައިގެ ގޮތުގައި މަހަކު 54،430ރ.ގެ އިތުރުން، ސާވިސް އެލަވަންސްގެ ގޮތުގައި ދުވާލަކަށް 530ރ. އެވެ. އަދި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހުފައިވާ އުސޫލުން ބޭސް ފަރުވާގެ ޚިދުމަތާއި، ފެންޝަން ކޮންޓްރިބިއުޝަން ވެސް ހިމެނެއެވެ.

މި މަގާމުގެ މައިގަނޑު މަސްއޫލިއްޔަތަކީ ސިއްޙީ ދާއިރާ ތަރައްޤީކޮށް ޚިދުމަތް ފުޅާކުރުމަށް ބޭނުންވާ ސިޔާސަތުތައް ކަނޑައެޅުމަށާއި، ދާއިރާއަށް ބޭނުންވާ ޤާނޫނީ ބާރުވެރިކަން ފަހިކޮށްދިނުމަށާއި އެކިއެކި ޕްލޭންތަކާއި ޕްރޮގްރާމްތަކާއި ޕްރޮޖެކްޓްތައް އެކުލަވާލުމަށާއި، ބޭނުންވާ ފަންނީ ވިސްނުން މިނިސްޓަރއަށް ހިއްސާކޮށް އިރުޝާދުދިނުން ހިމެނޭ ކަމަށް އެކޮމިޝަނުން ބުނެ އެވެ.

މި އިއުލާނުގައި ވާގޮތުން މި މަގާމަށް ކުރިމަތިލާ މީހާއަކީ ރާއްޖޭގެ މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން ގަބޫލުކުރާ މެޑިކަލް ޑިގްރީއެއް އޮންނަ މީހަކަށް ވާން ޖެހޭނެ އެވެ. އަދި އެމީހަކީ އެއް އަހަރު ދުވަހުގެ އިންޓާންޝިޕް ފުރިހަމަ ކޮށްފައިވާ މީހެއްކަށް ވުމުގެ އިތުރުން ޕްރެކްޓިސް ކުރުމުގެ ހުއްދަ އޮންނަ މީހަކަށް ވާން ޖެހެއެވެ. އަދި އެ މީހަކީ ސިއްހީ ދާއިރާގެ ހިންގުމުގެ މަސައްކަތުގައި މަދުވެގެން ތިން އަހަރުގެ ތަޖުރިބާ ލިބިފައިވާ، ސިއްހީ ދާއިރާއިން އަށް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހަކަށް ވާން ޖެހޭ ކަމަށް މި މަގާމުގެ ޝަތުރުތަކުގައި ކަނޑައަޅާފައިވެއެވެ.

މިއީ ސިވިލް ސާވިސްގެ މަގާމްތަކަށް ބަލާއިރު އެންމެ ބޮޑެތި މުސާރަ ދޭ އެއް މަގާމެވެ. މިއީ ސިއްހީ ދާއިރާގެ ސިޔާސަތުތައް ކަނޑައެޅުމުގައި އެންމެ ބޮޑު ޒިންމާއެއް ކަނޑައެޅިފައިވާ އެއް މަގާމެވެ.

މި މަގާމް ހުސްވީ ކުރިން އެމަގާމުގައި ހުންނެވި ޑރ.ޝީޒާ އަލީގެ ޓާމް ފުރިހަމަ ކުރުމަށް ފަހު މަގާމުން ވަކިވެޑައިގަތުމުންނެވެ. މި މަގާމަށް އައްޔަން ކުރަނީ ހަތަރު އަހަރު ދުވަހަށެވެ.