ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމާ ބެހޭ ގާނޫނާއި އެ ގާނޫނުގެ މަގްސަދުތަކާ ތައާރުޒުވާ ގާނޫނުތަކަށް އިސްލާހު ކުރުމަށް ހުށަހަޅާ ބިލުތައް ރައީސް އޮފީހަށް ފޮނުވައިފި އެވެ.

ބަންޑާރަ ނައިބްގެ އޮފީހުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ލާމަރުކަޒީ ގާނޫނާއި އެގާނޫނުގެ މަޤްސަދުތަކާއި ތައާރުޒުވާ ހަ ގާނޫނަކަށް ގެންނަ އިސްލާހުތައް ރައީސް އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

ހަ ގާނޫނަކަށް އިސްލާހު ގެނައުމަށް ފޮނުވާފައިމިވަނީ ލާމަރުކަޒީ ގާނޫނުގައި ބުނެފައިވާ ގޮތަށް އެ ގާނޫނަށް ތައާރުޒުވާ ގާނޫނުތައް ހަ މަސް ދުވަހު ތެރޭގައި އެގާނޫނުތައް އިސްލާހު ކުރުމަށް ބުނެފައި ވާތީ އެވެ. އަދި އެއިސްލާޙުގެ ބިލްތައް ދައުލަތުގެ ބަންޑާރަނައިބު ރައްޔިތުންގެ މަޖިލީހަށް މިމުއްދަތުގެ ތެރޭގައި ހުށަހަޅަންވާނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ.

ބަންޑާރަ ނައިބްގެ އޮފީހުން އިސްލާހު ގެނައުމަށް ފޮނުވާފައިވާ ބިލްތަކަކީ:

  1. ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާ ބެހޭ ގާނޫނުނަށް އިސްލާހު ގެނައުމުގެ ބިލު
  2. ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުނަށް އިސްލާހު ގެނައުމުގެ ބިލު
  3. ދިވެހިރާއްޖޭގެ ފަޅުރަށްރަށާ ބެހޭ ގާނޫނުނަށް އިސްލާހު ގެނައުމުގެ ބިލު
  4. ދިވެހިރާއްޖޭގެ ބިމާ ބެހޭ ގާނޫނުނަށް އިސްލާހު ގެނައުމުގެ ބިލު
  5. ދައުލަތުގެ މާލިއްޔަތުގެ ގާނޫނުނަށް އިސްލާހު ގެނައުމުގެ ބިލު
  6. އެއްގަމު ދަތުރުފަތުރުގެ ގާނޫނުނަށް އިސްލާހު ގެނައުމުގެ ބިލު

ބަންޑާރަ ނައިބްގެ އޮފީހުން ބުނީ މި ބިލުތައް ހިމެނޭހެން ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގައި 19 ބިލެއް ހުށައެޅުމަށް ނިންމާފައިވާ ކަމަށެވެ. އޭގެ ތެރެއިން މިހާރު ވެސް ރައްޔިތުންގެ މަޖިލީހަށް ބައެއް ބިލުތައް ވަނީ ހުށަހަޅާފަ އެވެ.