ހަނގުރާމާގައި ބައިވެރިވާން ދިޔަކަމުގެ ކުށް ސާބިތުވެ، އަފްޣާނިސްތާނުގައި 21 އަހަރަށް ޖަލަށްލާފައިވާ އަލީ ޝާފިއުގެ ހަތަރު ދަރިން ރައްކާތެރި މާހައުލަކަށް ގެންދިއުމަށް އެ ގައުމުގެ އިންޑިޕެންޑެންޓް ހިއުމަން ރައިޓްސް ކޮމިޝަނުގައި އެދިފައިވާ ކަމަށް ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފި އެވެ.

ޝާފިއުގެ އާއިލާގެ ހާލަތާ ގުޅިގެން އެޗްއާރުސީއެމްއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު 12 ގައި ޝާފިއުގެ އާއިލާގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން އަފްޢާނިސްތާނުގެ އިންޑިޕެންޑެންޓް ހިއުމަން ރައިޓްސް ކޮމިޝަނުން އެ އާއިލާއަށް ޒިޔާރަތްކޮށް ހާލަތު ބެލުމަށްފަހު، ފާހަގަވި ކަންކަން ކޮމިޝަނާ ވަނީ ހިއްސާކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލާގައި ހިމެނޭ ހަތަރު ކުދިން ރައްކާތެރި މާހައުލަކަށް ގެންދިއުމަށް ކޮމިޝަނުގެ އެދުމުގެ މަތިން އެ މުއައްސަސާ އިން މަސައްކަތް ކޮށްފައިވާ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.

ކުދިން ބަހައްޓާ މަރުކަޒުތަކަށް އެ ކުދިން ގެންދިއުމުގައި ހުރި ގޮންޖެހުންތައް ފާހަގަކޮށްފައިވާ ކަމަށާއި އެކަން އަދި ހަމަޖެހިފައިނުވާ ކަމަށް އެޗްއާރުސީއެމުން ބުންޏެވެ. މައްސަލަ އެ ކޮމިޝަނުގެ ސަމާލުކަމަށް އައި ހިސާބުން އެކަމަށް ވަރަށް ބޮޑު އިސްކަމެއްދީގެން ކަމާގުޅޭ ހުރިހާ މުއައްސަސާތަކަށް އެކަން އަންގައި، މައްސަލައާ ގުޅޭ މައުލޫމާތު ހޯދަމުން އައި ކަމަށް ވެސް މިއަދު ނެރުނު ބަޔާނުގައި އެކޮމިޝަނުން ބުންޏެވެ.

ޝާފިއުގެ އާއިލާ އާއި އެކޮމިޝަނުން އެކި ފަހަރު މަތިން ބައްދަލުކޮށްފައިވާނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ

އަފްޣާނިސްތާނުގެ ކަމާބެހޭ އިދާރާތަކުން މި މައްސަލަ ތަހުގީގުކޮށް އެ ގައުމުގެ ސުޕްރީމް ކޯޓުން ޝާފިއު އަދި އޭނާގެ އަންހެނުންގެ މައްޗަށް ދިގު މުއްދަތެއްގެ ޖަލު ހުކުމެއް ކޮށްފައިވާކަން އެ ކޮމިޝަނުގެ ތަހުގީގަށް ފާހަގަވެފައިވާ ކަމަށް ވެސް އެކޮމިޝަނުން ބުންޏެވެ.

އެޗްއާރުސީއެމްއިން ބުނީ މި ދެމަފިރިންގެ ހަތަރު ދަރިން ވެސް ތިބީ ޖަލުގައި ކަމަށާއި، މި ހާދިސާ ހިނގިތާ ކުރީކޮޅު އެ ހަތަރު ކުޑަކުދިން ރާއްޖެ ގެނައުމަށް އަފްޣާނިސްތާނުގެ ސަރުކާރުން ވެސް ދެކޮޅު ނޫން ކަމަށެވެ.

ނަމަވެސް ކުދިންގެ ބެލެނިވެރިން އެކަމަށް ދެކޮޅު ހެދުމުގެ ސަބަބުން އޭރު ކުދިން ރާއްޖެ ގެނައުމުގެ މަސައްކަތް ހުއްޓުނުކަން ކަމާބެހޭ ފަރާތްތަކުން މި ކޮމިޝަނާ ހިއްސާކުރި މައުލޫމާތުން ފާހަގަ ކުރެވުނު ކަމަށް އެޗްއާރުސީއެމް އިން ބުންޏެވެ.

ޝާފިއުގެ ދަރީންނަކީ، ކުށެއް ނެތި ޖަލުގައި ތިބޭ ކުދިންތަކެއް ކަމުން އެ ކުދިން ގެނައުމާ ގުޅޭ ގޮތުން ކޮމިޝަނުން އިސްވެ އާއިލާއާ މަޝްވަރާ ކުރުމުން، ކުދިންގެ ބެލެނިވެރިން ކުދިން ގެނައުމަށް، ފަހުން އެއްބަސްވެފައިވާ ކަމަށް އާއިލާއިން މައުލޫމާތު ހިއްސާކުރި ކަމަށް އެކޮމިޝަނުން ބުންޏެވެ.

މީގެ އިތުރުން ބުނެފައިވަނި، ކޮމިޝަނުން ވަގުތުން އެކަން ކަމާ ބެހޭ އިދާރާތަކާ ހިއްސާކުރި ކަމަށާއި ކުދިން ގެނައުމުގެ މަސައްކަތް ކަމާގުޅޭ އިދާރާތަކުން ކުރިއަށްގެންދާ ގޮތް ގާތުން ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް ޝާފިއު އާއި އޭނާގެ އާއިލާއަށް ދިވެހި ފުލުހުން އަނިޔާކޮށް ހުތުރުބަހުން މުއާމަލާތްކުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވާހަކަތަކަކީ ކަނޑައެޅިގެން އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ބުނެ ދިވެހި ފުލުހުން ވަނީ އެ ތުހުމަތުތައް ދޮގު ކޮށްފަ އެވެ.