ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ކޮވިޑް ބަޔަށް ފަރުވާދެމުންގެންދިޔަ އިތުރު ދެ މީހަކު މިއަދު މަރުވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި މި ބައްޔަށް ފަރުވާދެމުންދަނިކޮށް ރޭ ދަންވަރު 1:30ގައި 55 އަހަރުގެ އިންޑިއާ ފިރިހެނަކު މަރުވެފައިވާ ކަމަށެވެ.

މީގެ އިތުރުން އެ ފެސިލިޓީގައި ފަރުވާދެމުންގެންދަނިކޮށް ރޭ ފަތިހު 5:19ގައި 41 އަހަރުގެ ދިވެހި ފިރިހެނަކުން ވެސް މަރުވެފައިވާ ކަމަށް ވެސް އެޗްޕީއޭއިން ބުނެ އެވެ.

މިއާއެކު ކޯވިޑް ބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޢަދަދުވަނީ 205އަށް އަރައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ 187 ދިވެހިންނާއި 18 ބިދޭސީންނެވެ.

ފާއިތުވެގެން ދިޔަ ދެ މަސް ދުވަހު ތެރޭގައި ކޮވިޑް ބަލިޖެހޭ މީހުންގެ އަދަދު 1،000 މަތީގައި ހުރުމަށް ފަހު އިއްޔެ ވަނީ ސަތޭކައިން ތިރިވެފަ އެވެ. މިދިޔަ މަހަކީ ރާއްޖެއިން އެ ބަލީގައި އެންމެ ގިނަ މީހުން މަރުވި މަހެވެ.

ކޮވިޑް ބަލީގައި މަރުވާ މީހުންގެ ތެރެއިން 20 ޕަސެންޓް މީހުންނަކީ އެއްވެސް ބަޔަކަށް މީގެ ކުރިން ފަރުވާ ނުހޯދާ މީހުން ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފަ އެވެ. މިއާއެކު މިބަލީގެ ނުރައްކާ ޒުވާނުންނަށާއި ކުޑަކުދިންނަށް ވެސް އޮތް މިންވަރު ހާމަވެގެންދާ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.