މިހާރު ކުރިއަށްދާ ޔޫރޯ ފުޓުބޯޅަ މުބާރާތް ދެއްކުމަށް އެހީތެރިވުމުގެ ގޮތުން ރާއްޖެ ޓީވީއަށް ފައިސާ ދިނުމަށް ފެނަކަ ކޯޕަރޭޝަނުން އެ ކުންފުނީގެ ސަޕްލަޔަރުން ކައިރީ އާދޭސްކުރަމުން ގެންދާކަން ހާމަވެއްޖެއެވެ.

ސަޕްލަޔަރުން ކައިރީ އާދޭސްކޮށް ފެނަކައިން ފޮނުވާފައިވާ މެއިލް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ. ފެނަކައަށް ޝުކުރު އަދާކުރަމުން އެ މެއިލްގައި ބުނެފައި ވަނީ ސަޕްލައަރުންގެ އެހީތެރިކަމާ ނުލައި ރާއްޖޭގެ ޔުޓިލިޓީ ދާއިރާއަށް އިންގިލާބީ ބަދަލެއް ނުގެނެވޭނެ ކަމަށެވެ.

ފެނަކައިން 2021 ވަނަ އަހަރުގެ ޔޫރޯ މުބާރާތް ދެއްކުމަށް ރާއްޖެ ޓީވީއަށް ދީފައިވާ ސްޕޮންސާ ފައިސާ ދިނުމަށް އެހީތެރިވުމަށް ސަޕްލަޔަރަކަށް ފޮނުވި މެއިލްއެއްގައި އެދިފައިވެ އެވެ.

ކޮވިޑް-19ގެ ހާލަތުގައި މުޅި ރާއްޖެ އޮތްއިރު ސްކްރީންތަކަށް ޔޫރޯ 2021 ގެނައުމުގައި ހުރިހާ ސަޕްލައަރުން އެކީގައި އަތް ގުޅައިލުމަށް ފެނަކައިން ވަނީ އެދިފަ އެވެ.

އެއްވެސް އެހީތެރިކަމެއް ދިނުމަށް އެދޭނަމަ ސަޕްލަޔަރުން އީމެއިލް މެދުވެރިކޮށް އެކަން އަންގައިދިނުމަށް ފެނަކައިން އެދިފައިވެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފައިސާ ހޯދަން ސަޕްލަޔަރުން ކައިރީ އާދޭސް ކުރީ ރާއްޖެ ޓީވީއަށް ދޭނެ ސްޕޮންސާ ފައިސާ ހަމަނުވެގެންނެވެ.

ފެނަކައިން އަންނަނީ އެކި ނޫސްތަކަށް ސްޕޮންސާ ދީގެން އެ ކުންފުނިން ހިންގާ ކޮރަޕްޝަންގެ މައްސަލަތައް ފޮރުވުމަށް މަަސައްކަތް ކުރަމުންނެވެ.