އދ.ގެ އާންމު މަޖިލީހުގެ ރައީސް ކަމުގެ ކެމްޕޭން ކުރުމަށް ނިއުޔޯކުގައި ދެ މަހެއްހާ ދުވަހު ހުންނެވުމަށް ފަހު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވަޑައިގެންފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ މިނިސްޓަރު ޝާހިދު ނިއުޔޯކަން ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމާލުމަށް ފަހު މިއަދު ރާއްޖެ ވަޑައިގެންފައިވާ ކަމަށެވެ.
މިދިޔަ އޭޕްރީލު މަހުގެ 23 ވަނަ ދުވަހު މިނިސްޓަރު ޝާހިދު ނިއުޔޯކަން ވަޑައިގަތީ އދ. ގެ އާންމު މަޖިލީހުގެ މިދައުރުގެ ރައީސްކަމުގެ ކެމްޕޭން ކުރެއްވުމަށެވެ. މި މަހުގެ ހަތްވަނަ ދުވަހު އާންމު މަޖިލީހުގެ އިންތިހާބުގައި މިނިސްޓަރު ޝާހިދު ވަނީ ކާމިޔާބު ހޯދަވާފަ އެވެ.
އދ. ގެ އަންނަ އާންމު މަޖިލީހުގެ ރިޔާސަތު ކާމިޔާބުކުރައްވާފައި ވަނީ އިންޑިއާގެ އެހީތެރިކަމާއެކު ކަމަށް އެ ގައުމުގެ މީޑިއާގައި ވަނީ ރިޕޯޓް ކޮށްފަ އެވެ.
ޝާހިދު މަގާމަށް އިންތިޚާބުވެވަޑައިގަތުމާއެކު އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ އޮފީހުގެ ޓީމު އެކުލަވައިލެއްވުމުގެ މަސައްކަތްވަނީ ފައްޓަވާފަ އެވެ. އެގޮތުން ޝާހިދުގެ ރިޔާސަތުގައި ޗީފް ޑި ކެބިނެޓް ނުވަތަ ޗީފް އޮފް ސްޓާފުގެ މަގާމަށް ހަމަޖައްސަވާފައި ވަނީ އިންޑިއާގެ ޑިޕްލޮމެޓެކެވެ. އަދި ހާއްސަ މަންދޫބު ގޮތުގައި ހަމަޖައްސަވާފައި ވަނީ އދ. ގައި ހުންނަވާ ރާއްޖޭގެ ސަފީރު ތިލްމީޒާ ހުސެއިން އެވެ.
ޝާހިދުގެ ރިޔާސީ ދައުރު ފެށޭނީ އަންނަ ސެޕްޓެމްބަރު މަހު އެވެ. އޭގެ ފަހުން ނިއުޔޯކަށް ވަރަށް ގިނައިން އޭނާ ދަތުރުކުރައްވާނެ ކަމަށް ބެލެވެ އެވެ.