އިޓަލީގެ ކާގޯ ބޯޓެއްގައި މަސައްކަތްކުރި ބޯޓުގެ ކެޕްޓަން ކަނޑުމަތީގައި މަރުވެ، ބޯޓްގެ ފަޅުވެރިން ކަނޑުމަތީގައި ތާށިވެއްޖެ އެވެ.
އިޓަލް ލިބެރާ ނަމަކަށް ކިޔާ ކާގޯ ބޯޓުގެ 25 ދުވަހުގެ ދަތުރަކަށް އެންޖަލޯ ކަޕޫރޯ ފުރީ މާޗް މަހުގެ 27 ވަނަ ދުވަހު އެވެ. އޭގެ އެއްދުވަސް ކުރިން ހެދި ކޮވިޑް ޓެސްޓުން 61 އަހަރުގެ ކަޕޫރޯއަށް ވަނީ ނެގެޓިވް ނަތީޖާއެއް ލިބިފަ އެވެ.
އޭގެ ފަސްވަރަކަށް ދުވަސް ފަހުން އޭޕްރީލް ދެވަނަ ދުވަހު ކަޕޫރޯގެ ފަރާތުން ކޮވިޑްގެ އަލާމާތްތައް ފެންނަން ފެށި ކަމަށާއި އޭޕްރީލް ހަތް ވަނަ ދުވަހު އޭނާ އަށް ކެބިންއިން ނުކުމެވޭ ވަރު ވެސް ނުވި ކަމަށް ކަޕޫރޯގެ އާއިލާއިން ބުންޏެވެ.
އޭގެ އެއްދުވަސް ފަހުން ކަޕޫރޯ މަރުވީ އެދެވޭ ފަރުވާ ނުލިބި އޭނާއަށް ޖެހުނު ބަލީގެ ތަފްސީލެއް ވެސް ނޭނގި އެވެ.
ކަޕޫރޯގެ މަރާއެކު، ކެޕްޓަންއަކާ ނުލައި މަރުވެފައި އޮތް މައްޔިތެއް ގޮވައިގެން ބޯޓުގެ ފަޅުވެރިން ދިޔައީ ކައިރި ބަނދަރުތަކުން އެހީއަކަށް އެދެމުންނެވެ.
ނަމަވެސް ހަ ހަފުތާ ވަންދެން ވެސް ބަނދަރުކުރާނެ ގައުމެއް ނުލިބި، އިޓަލީގެ އެ ބޯޓު އޮތީ އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާގެ ބޭރުގަ އެވެ.
ކަނޑުމަތީގައި ހޭދަވި ހަ ހަފުތާގެ ތެރޭގައި ބޯޓުގައި ކޮވިޑް ފެތުރިދާނެކަމުގެ ބިރު ހީވެފައި އޮތް ނަމަވެސް ޓެސްޓް ކުރެވޭނެ ވަސީލަތެއް ނުވަތަ އެހީތެރިކަމެއް ވެސް ބޯޓުގެ ފަޅުވެރިންނަށް ލިބިފައެއް ނުވެ އެވެ.
އެންމެ ފަހުން، މިމަހު ކަޕޫރޯގެ ފުރާނަ ނެތް މަސްގަނޑު ވަނީ އޭނާގެ ގައުމު ކަމަށްވާ އިޓަލީއަށް ގެންގޮސް އާއިލާއާ ހަވާލުކޮށްފަ އެވެ.
ކަޕޫރޯ މަރުވާން މެދުވެރިވި ސަބަބެއް އަދިވެސް ސާފުވެފައި ނުވާއިރު އޭނާގެ އާއިލާއިން ވަނީ ބޯޓުގެ ހިންގާ ކުންފުނިން ޖަވާބުދާރީވުމަށް ގޮވާލައިފަ އެވެ.