އިންޑިއަން އައިޑޮލްގެ މި އަހަރު ކުރިއަށް ގެންދާ ސީޒަންއަށް ފެށުނީއްސުރެ ދަނީ ގިނަ ބެލުންތެރިންގެ ފާޑުކިޔުންތަކެއް އަމާޒުވަމުންނެވެ. އެގޮތުން މި ހަފްތާގެ އެޕިސޯޑަށް ވެސް މިވަނީ ބެލުންތެރިންގެ ފާޑުކިޔުންތަކެއް އަމާޒުވެފަ އެވެ.
މިމަހުގެ ވިހި ވަނަ ދުވަހަކީ ބައިނަލްއަގުވާމީ ގޮތުން ފާހަގަ ކުރެވޭ ދުނިޔޭގެ ބައްޕައިންގެ ދުވަހެވެ. އެގޮތުން މި ހަފްތާގެ އިންޑިއަން އައިޑޮލް ގެ އެޕިސޯޑް ހާއްސަ ކުރެވިފައިވަނީ ޝޯ ގެ ބައިވެރިންގެ ބައްޕައިންނަށެވެ. ހުރިހާ ބައިވެރިން ވެސް ފެނިގެން ދިޔައީ އެ ބައިވެރިންގެ ބައްޕަ އާއެކު އެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މި އެޕިސޯޑްއަށް ބެލުންތެރިންގެ ފަރާތުން ފާޑުކިޔުންތައް އަމާޒުވެފައި މިވަނީ ޝޯގެ ބައިވެރިން އެ މީހުންގެ ބައްޕައިން ކުރިމަތިލާފައިވާ ކަންކަމުގެ ވާހަކަތައް ހިއްސާކޮށް އަދި ޝޯގެ ޖަޖުން އެކަންކަމާއި ހިތާމާ ފަޅުކޮށް ރޮއެ ހެދުމުންނެވެ. މި އެޕިސޯޑްގައި ޖަޖުންގެ ގޮތުގައި ފެނިގެން ގޮސްފައި ވަނީ ހިމޭޝް ރޭޝަމިޔާ، ސޯނޫ ކައްކަރް އަދި އަނޫ މާލިކް އެވެ.
ގިނަ ބެލުންތެރިން ދެކޭގޮތުގައި އެއީ މީހުންގެ ސަމާލުކަން ހޯދައި ހައި ޓީއާރް ޕީއެއް ހޯދުމަށް ޝޯގެ ބައިވެރިން ދެއްކި ވާހަކަތަކެކެވެ. ސޯޝަލް މީޑިއާގައި އާންމުން އަންނަނީ ޝޯގެ އުފެއްދުންތެރިންނަށް ފާޑކިޔައި ތަފާތު އެކި ވައްތަރުގެ މީމްސް ހަދައި ޖޯކު ޖަހަމުންނެވެ.