ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކުރީގެ ސަރުކާރުން ތަރައްގީކުރި ހިޔާ ފްލެޓްތަކުގެ އެއްބަސްވުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ވެބްސައިޓުގައި އާއްމު ކޮށްފި އެވެ.

އެޗްޑީސީން އިއްޔެ ނެރުނު އިއުލާނުގައި ބުނެފައި ވަނީ ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ 6،720 ފްލެޓުތަކުގެ އެއްބަސްވުމުގައި ސޮއިކޮށް، ފްލެޓް ހަވާލުކުރުމަށްވާން ޖެހޭ ތައްޔާރީތައްވުމުގެ ހުރިހާ ކަމެއް އެ ކުންފުނިން ކުރަމުން އަންނަ ކަމަށެވެ.

މިއީ ނިސްބަތުން ބޮޑު މަޝްރޫއެއްކަމުން ފްލެޓަށް ހޮވިފައިވާ ފަރާތްތަކަށް ވަކިވަކިން އެއްބަސްވުން ފޮނުއްވުމަކީ ދަތިކަމެއް ކަމުން ހުރިހާ ފަރާތްތަކަކަށް ފަސޭހަކަމާއެކު ފެންނާނެ ގޮތަށް އެއްބަސްވުމުގެ ޑްރާފްޓް އެޗްޑީސީގެ ވެބްސައިޓުގައި ޝާއިއު ކުރަން ނިންމާފައިވާ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.

އެގޮތުން މިހާރު އެކުންފުނީގެ ވެބްސައިޓުން ޑްރާފްޓް އެއްބަސްވުން ފެންނައިރު ޑްރާފްޓް އެއްބަސްވުމަށް ބަދަލުއައުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

އެޗްޑީސީން ބުނީ އެއްބަސްވުމަށް އަންނަ ބަދަލުތައް ވެސް އެކުންފުނިން ހާމަކުރަމުން ގެންދާނެ ކަމަށެވެ.

ހިޔާ ފްލެޓް ލިބުނު ފަރާތްތަކާ މެދުގައި އެއްބަސްވުމުގައި ސޮއި ކުރުމުގެ މަސައްކަތް އަންނަ މަހުގެ 14 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދާނެ ކަމަށް އެޗްޑީސީއިން ވަނީ ހާމަކޮށްފަ އެވެ.

މީހުން ދިރިއުޅެން ފެށެންވާއިރަށް ދެވަނަ ފިޔަވަހީގައި އަސާސީ ހުރިހާ ހިދުމަތްތަކެއް ލިބިގެންދާނެ ކަމަށްވެސް އެކުންފުނިން ބުނެ އެވެ. އެޗްޑީސީއިން ބުނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ވަކި އުސޫލެއްގެ ދަށުން ހިޔާ ފްލެޓް ލިބުނު ފަރާތްތަކަށް ފްލެޓް ބެލުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.