ކޮއްކޯފުޅު އަހުމަދު މުހައްމަދު ސޯލިހު އަވަހާރަވުމާ ގުޅިގެން ޖަނާޒާގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދުބާއީއަށް މިއަދު ފުރާވަޑައިގެންފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒު ވިދާޅުވީ ރައީސް ސޯލިހު އަމިއްލަ ދަތުރުފުޅެއްގައި މިއަދު ދުބާއީއަށް ފުރާވަޑަގެންފައިވާ ކަމަށެވެ. އަދި އަނބުރާ ރާއްޖެއަށް ވަޑައިގަންނަވާނީ އަންނަ ބުދަ ދުވަހުގައި ކަމަށްވެސް މަބްރޫކު ވިދާޅުވި އެވެ.

ރައީސް ސޯލހް ދުބާއީއަށް ފުރާވަޑައިގެންނެވީ އެމަނިކުފާނުގެ ކޮއްކޯފުޅު އަހުމަދު ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށް ރޭ ދަންވަރު ވަގުތެއްގައި ދުބާއީގައި ވަނީ އަވަހާރަވެފަ އެވެ. އަވަހާރަވީއިރު އޭނާގެ އުމުރުފުޅަކީ 55 އަހަރެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އާއިލާގައި 12 ބޭފުޅުން ތިއްބަވާއިރު، ހަތަރު ބޭފުޅުންނަކީ ލޯފަން ބޭފުޅުންނެވެ. އޭގެ ތެރޭގައި ރޭ އަވަހަރާވި އަހުމަދު ހިމެނޭއިރު އަނެއް ތިން ބޭފުޅުންނަކީ ހާފިޒުން، ގާރީންނެވެ.

އަހްމަދު ވެސް ހާފިޒު ކަމުގެ ކޯސް ފުރިހަމަ ކުރެއްވުމަށް މަސައްކަތް ކުރެއްވިއެވެ. ނަމަވެސް ދިމާވި ސިއްހީ މައްސަލައެއްގެ ސަބަބުން ކޯސް ފުރިހަމަ ނުކުރެއްވުނީ ކަމަށް މައުލޫމާތު ލިބެއެވެ.

ރައީސް ސޯލިހްގެ ކޮއްކޯފުޅު އަވަހާރަވުމުން ގިނަ ބަޔަކު އަންނަނީ މީސް މީޑިއާގައި ރައީސް ސޯލިހަށާއި އެމަނިކުފާނުގެ އާއިލާއަށް ތައުޒިއާ ފޮނުވަމުންނެވެ