ރާއްޖޭގައި ކުރިއަށް އޮތް ފަސް އަހަރަށް މުއާސަލާތީ ހިދުމަތް ފޯރުކޮށްދިނުމަށް އިތުރު ޓެލެކޮމް ކުންފުންޏަކަށް ލައިސެންސް ނުދިނުމަށް އެއްބަސްވެފައިވާކަން ހާމަވެއްޖެ އެވެ.

މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން، އަމިއްލަ ފަރާތަކުން ކޮމިއުނިކޭޝަންސް އޮތޯރިޓީއިން (ކޭމް)އަށް ހުށަހެޅި މައްސަލައާ ގުޅިގެން އެ އިދާރާއިން ދީފައިވާ ޖަވާބު އޭނާ ވަނީ ސޯޝަލް މީޑިއާގައި ހިއްސާ ކުރައްވާފަ އެވެ.

އޭނާ ހުށަހެޅުއްވި މައްސަލާގައި ދެއްވި ޖަވާބުގައި ކޮމިއުނިކޭޝަންސް އޮތޯރިޓީން ބުނެފައި ވަނީ އިންޓަނެޓުގެ އަގަށް އަންނަ މަހުން ފެށިގެން ބަދަލު ގެންނަން ނިންމާފައި ވަނީ ދިރާގު އަދި އުރީދޫއާއެކު ސަރުކާރުން އަންޑަސްޓޭންޑިންއަކަށް ގޮސްގެން ކަމަށެވެ.

އެގޮތުން ސަރުކާރުން ވަނީ ކުރިއަށް އޮތް ފަސް އަހަރު އިތުރު ފަރާތަކަށް ޓެލެކޮމިއުނިކޭޝަންސް އޮޕަރޭޓިން ލައިސަންސް ނުދޭނެކަމުގެ ޔަގީންކަން އެ ދެ ކުންފުންޏަށް ދީފަ އެވެ. އަދި ޔުނިފައިޑް ޓެލެކޮމިއުނިކޭޝަން ލައިސަންސް އާއި އިންޓަނެޓް ސާވިސް ޕްރޮވައިޑާ ލައިސަންސް، އަދި މޯބައިލް ޓެލެފޯން ލައިސަންސް ފަދަ އެއްވެސް ލައިސަންސެއް ކުރިޔަށް އޮތް ފަސް އަހަރަށް ނުދިނުމަށް ސަރުކާރުން ވަނީ ހުށައަޅާފަ އެވެ. އެގޮތަށް އެއްބަސްވެ، ދިރާގާއި އުރީދޫން އަންނަ މަހުން ފެށިގެން އިންޓަނެޓްގެ އަގުހެޔޮ ކުރުމަށް ނިންމާފައި ވާއިރު ތިން އަހަރު ފަހުން އަގުތައް މުރާޖައާކުރަން ވެސް ނިންމާފައިވެ އެވެ.

އިންޓަނެޓްގެ އަގުތަކަށް ގެންނަ ބަދަލުތައް އިއުލާންކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ކޭމް އިން ބުނެފައި ވަނީ އާ ޓެކްނޮލޮޖީތަކާއި ހިދުމަތްތައް ދިނުމަށް އިތުރު ފަރާތަކަށް ހުއްދަ ދިނުމަށް ހުރަހެއް ނެތް ކަމަށެވެ. މިގޮތުން ސްޓާލިންކް ހިދުމަތް ފަދަ ސެޓެލައިޓް ބޭނުންކޮށްގެން އިންޓަނެޓު ފޯރުކޮށްދޭ ފަރާތްތަކަށް އެކަން ކޮށްދިނުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް ކޭމްއިން ވަނީ ބުނެފަ އެވެ.

އަންނަ މަހުން ފެށިގެން ރެސިޑެންޝަލް އިންޓަނެޓްގެ ހިދުމަތްތަކުގެ އަގު ހެޔޮ ކުރުމަށް ނިންމާފައިވާއިރު އޮކްޓޫބަރުން ފެށިގެން މޯބައިލް ބްރޯޑްބޭންޑުގެ ޚިދުމަތަށް އެކަށީގެންވާ ބަދަލުތަކެއް އަންނާނެ ކަމަށް ވެސް ސަރުކާރުން ބުނެފައިވެ އެވެ.