އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން މިއަދު ހުޅުވާލައިފި އެވެ.

ރައީސް އޮފީހުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ އެ ކޮމިޝަނުން ހުސްވެފައިވާ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައި، އެ މަގާމަށް ކުރިމަތިލާ މީހުންގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ޖުލައި މަހުގެ 6 އަދި 7 ވަނަ ދުވަހުގެ ހެނދުނު 10:30 އިން ފެށިގެން މެންދުރު 12:30 އާއި ދެމެދު އެ އޮފީހުން ކަމަށެވެ.

މިހާރު މިމަގާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސް އޮފީސް ރިސެޕްޝަނުން ލިބެން ހުންނާނެ ކަމަށާއި އަދި ރައީސް އޮފީސް ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

އީސީގެ މެމްބަރުކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމާއެކު މެމްބަރުކަމަށް ކުރިމަތިލާ މީހާގެ އިގުރާރު އަދި އެ މީހެއްގެ ކުށާއި ދަރަނީގެ ރެކޯޑު ފޯމާއި ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީ ވެފައިވޭތޯ ބެލުމަށް އިލެކްޝަންސް ކޮމިޝަނުން ސާފުކުރަންޖެހޭ ފޯމު ހުށައަޅަން ޖެހެ އެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ އެކޮމިޝަނުގެ މެމްބަރު އަދި ރައީސްގެ މަގާމުގައި ހުންނެވި އަހުމަދު ޝަރީފް އިސްތިއުފާ ދެއްވުމާގުޅިގެން މަގާމު ހުސްވެފައި ވާތީ އެވެ.

އިލެކްޝަންސްގެ ރައީސްކަމުގެ މަގާމުގައި ހުންނެވި އަޙްމަދު ޝަރީފު މަގާމުން އިސްތިއުފާދެއްވީ މިމަހުގެ 15 ވަނަ ދުވަހު އެވެ. އޭނާ އެމަޤާމަށް އިންތިޚާބުކޮށްފައިވަނީ 2018 ވަނަ އަހަރުގެ މާޗް މަހުގެ ހަވަނަ ދުވަހު އެވެ.