މިދިޔަ މެއި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފަޔަށް ލިބިވަޑައިގެންނެވި ޒަހަމް ފިޔަވައި، ހަށިކޮޅުގެ އެހެން ތަންތަނަށް ލިބުނު ޒަހަމްތައް ރަނގަޅުވެފައިވާ ކަމަށް އާއިލާއިން ބުނެފި އެވެ.

ކުރީގެ ނަޝީދުގެ މިހާރުގެ ހާލަތާ ގުޅޭ ގޮތުން އެމަނިކުފާނުގެ ބޭބޭފުޅު ޑރ. އިބްރާހިމް ނާޝިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ހަމަލާގައި އެ މަނިކުފާނަށް އެކިވަރުގެ އަނިޔާ ލިބިފައިވާއިރު މިހާރު ފަޔަށް ލިބިފައިވާ އަނިޔާނޫން އެހެން ހުރިހާ އަނިޔާތަކެއް ރަނގަޅު ވެފައިވާ ކަމަށެވެ. އަދި މިއަދު ހަދަން ހަމަޖެއްސި އެންޑޮސްކޮޕީ ވެސް ޑޮކްޓަރު ކެންސަލް ކުރައްވާފައިވާ ކަމަށް ނާޝިދު ވިދާޅުވި އެވެ. އެންޑޮސްކޮޕީއަކީ ހަށިގަނޑުގެ އެތެރޭގެ ތަހުލީލުތަކަށް ވަކި ހާއްސަ އާލާތެއް ބޭނުންކޮށްގެން ހަދާ ޕްރޮސީޖާއެކެވެ.

ކުރީގެ ރައީސް ނަޝީދު އާ އަމާޒުކޮށްގެން ދިން ހަމަލާގައި ލިބުނު ޒަހަމްތަކަށް އެންމެ ފުރަތަމަ ފަރުވާ ހޯދާފައިވަނީ އޭޑީކޭ ހޮސްޕިޓަލުންނެވެ.

އެ ހޮސްޕިޓަލުގައި ވަނީ އެ މަނިކުފާނުގެ އެތައް ސާޖަރީއެއް ހަދައިފަ އެވެ. އޭގެ ފަހުން ނަޝީދު ގެންދަވަނީ ޖަރުމަނުގެ އަސްކަރީ ހޮސްޕިޓަލެއްގައި ފަރުވާ ހޯދައްދަވަމުންނެވެ.

ރައީސް ނަޝީދުގެ ގެކޮޅު ގ. ކެނެރީގެއިން ނުކުމެވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވަން އުޅުއްވަނިކޮށް، މާލޭގެ ނީލޯފަރުމަގާއި މަޖީދީމަގު ކަންމަތީގައި ޕާކްކޮށްފައި އޮތް ސައިކަލެއްގައި ހަރުކޮށްފައި އޮތް އައިއީޑީއެއް ގޮއްވާލައިގެން ދިން ހަމަލާގައި އެމަނިކުފާނުގެ ހަށިކޮޅުގެ އެކި ތަންތަނަށް ރޭޒާ ފުއްތައް ވަދެ، ބޮޑެތި ގެއްލުންތައް ލިބިވަޑައިގެން ފުރާނަފުޅަށް ވެސް ނުރައްކާ ހިސާބަށް ދިޔަ އެވެ.

އެ ހަމަލާއާ ގުޅިގެން ފަސް މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. ހަމަލާ ދިނުމުގައި އިސްކޮށް އުޅުނީ އައިއީޑީ ގޮއްވާލުމުގައި އުޅުނު އަހުމަދު އަދުހަމް ކަމަށް ފުލުހުން ބުނެ އެވެ.

މިހަމަލާގެ އިންކުއަރީއެއް މަޖިލީހުގައި ކުރިއަށް ގެންދާއިރު އަންނަ މަހު ތެރޭގައި އިންކުއަރީ ރިޕޯޓް ނެރެވޭނެ ކަމަށް މަޖިލީހުން ވަނީ ބުނެފަ އެވެ.