މާލެ އާއި ވިލިމާލޭގައި ވޭސްޓް ޓްރާންސްފާ ސްޓޭޝަނެއް ގާއިމުކުރަން ޗައިނާގެ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން ކޯޕަރޭޝަން (ސީއެސްސީއީސީ) އާ ހަވާލުކޮށްފި އެވެ.

މިއެއްބަސްވުމުގައި އެންވަޔަރަންމަންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އާމިނަތު ޝައުނާ އެވެ. އަދި ސީއެސްސީއީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ރާއްޖޭގެ ގޮފީގެ ޖެނެރަލް މެނޭޖަރު، ޒޭން ޓާއޯ އެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ޝައުނާ ވިދާޅުވީ މާލެ އާއި ވިލިމާލޭގައި ވޭސްޓް ޓްރާންސަފާ ސްޓޭޝަނެއް ގާއިމުވުމާއެކު، މާލެ އަދި ވިލިމާލެއިން ތިލަފުއްޓަށް ކުނި ގެންދިއުމުގެ ކުރިން ކޮންޓެއިނާތަކުގައި ބެހެއްޓޭނެ ކަމަށާއި މީގެ ސަބަބުން މޫދާއި ކަނޑަށް ކުނި އެޅޭ މައްސަލައަށް ޖުމްލަ ގޮތެއްގައި ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށެވެ. މިގޮތުން، ކޮންސްޓްރަކްޝަން ކުންޏާއި، އެހެނިހެން ކުނި ބެހެއްޓޭނީ އެ ކަމަށް ޚާއްސަކޮށްފައިވާ ކޮންޓެއިނަރުތަކުގައިކަމަށާއި އަދި މިކަމުގެ ސަބަބުން، ކުނި ތިލަފުއްޓަށް ގެންދާއިރު ނުބައި ވަސްދުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ޝައުނާ ވިދާޅުވީ ކުނި ހާމަގޮތެއްގައި ނުބަހައްޓައި، ތެތް އަދި ތެތް ނޫން ކުނި ވެސް ވަކިކުރެވި، ކޮންޓެއިނަރުތަކުގައި ބެހެއްޓުމުން، މީގެ ކުރިން ހާމަކޮށް ކުނި ބެހެއްޓުމުން މެއްސާއި ފަނިފަކުސާ ގިނަ އަދަދަކަށް ކުނި ބަހައްޓާ ތަނުގައި ހުރުން ފަދަ ކަންކަމަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށެވެ.

600،000 ރުފިޔާއަށް ސީއެސީސްސީއީސީ އާ ހަވާލުކުރެވުނު މަސައްކަތަކީ އެއް އަހަރާއި ހަތަރު މަސް ދުވަހު ތެރޭގައި ނިމުމަށް ހަވާލުކުރެވުނު މަސައްކަތެކެވެ.

މިއީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި ޖޭއެފްފީއާއާރް އަދި ޓީއޭއެސްއެފްގެ އެހީއާއެކު އެންވަޔަރަންމަންޓް މިނިސްޓްރީން ކުރިއަށްގެންދާ ގްރޭޓާ މާލެ އެންވަޔަރަންމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓްގެ ފޭސް އެކެއްގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ގްރޭޓާ މާލެ އެންވަޔަރަންމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓްގެ މަގުސަދަކީ ދެމެހެއްޓެނިވި ގޮތަކަށް ކުނި މެނޭޖުކުރާ ނިޒާމެއް ގްރޭޓާ މާލެ ސަރަހައްދު އަދި ޒޯން 3 ގެ ރަށްތަކުގައި އެކުލަވާލުމެވެ.