ބޮލީވުޑްގެ ކާމިޔާބު ފިލްމުތަކުން ފެނިފައިވާ ކިއާރާ އަދްވާނީގެ ބައިވަރު ފިލްމު ރިލީޒްވާން އެބަހުއްޓެވެ. އޭގެ ތެރޭގައި "ބޫލް ބުލައްޔާ 2", "ޝޭރުޝާހު" އަދި “ޖުގް ޖުގް ޖީޔޯ" ހިމެނެ އެވެ.

އެންމެ ފަހުގެ ރިޕޯޓްތަކުން ބުނާގޮތުގައި ކިއާރާ މިހާރު ވަނީ ފިލްމު ޑައިރެކްޓަރު ސަންކަރުގެ ތިން ފިލްމެއް ކުޅުމަށް ސޮއިކޮށްފަ އެވެ. އޭގެ ތެރޭގައި ތަމަޅަ ފިލްމެއްގެ ރިމޭކްއެއް ކަމަށްވާ "އަނިޔާން" އިން ކިއާރާ ފެނިގެންދާނީ ބޮލީވުޑްގެ އޭ ލިސްޓުގެ ތަރިންގެ ތެރޭގައި ހިމެނޭ ރަންވީރު ސިންގުއާއެކުގަ އެވެ.

ރަންވީރު އަދި ކިއާރާ އަލަށް ފިލްމުއަކުން ފެނިގެންދާ "އަނިޔާން" ފިލްމުއާ ގުޅޭގޮތުން މީޑިއާތަކަށް މާ ބޮޑު މައުލޫމާތެއް ލިބިފައި ނެތް ނަަމަވެސް މި ފިލްމުގެ މަސައްކަތްތައް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރު އެވެ.

އިންޑިއާގެ ފިލްމީ ހަބަރު ގެނެސްދޭ ނޫހެއް ކަމަށްވާ ޕިންކުވިލާއިން ރިޕޯޓުކުރާގޮތުގައި މި އަހަރު ރިލީޒްކުރަން ހަމަޖެހިފައިވާ ތަމަޅަ އެކްޝަން ފިލްމެއް ކަމަށްވާ "އާރުސީ-15" އިންވެސް ކިއާރާ ފެނިގެން ދިއުމުގެ ފުރުސަތު އެބައޮތެވެ. މިފިލްމުގައި ކިއާރާ ފެނިގެންދާނީ ޓަމިލްގެ އެކްޝަން ހީރޯ ރާމް ޗަރަންއާއިއެކު އޭނާގެ ލޯބިވެރިޔާގެ ގޮތުގަ އެވެ.

ހިންދީ ފިލްމް ކަބީރު ސިންގުން ބެލުންތެރިންގެ ހިތް ދަމައިގެން ކިއާރާގެ މި ދެ ފިލްމުގެ މަސައްކަތްތައް މި އަހަރާއި އަންނަ އަހަރު ވެސް ކުރަން ވަނީ ހަމަޖެހިފަ އެވެ.

ކިއާރާގެ ތިންވަނަ ފިލްމުގެ މަސައްކަތްތައް ފެށުމަށް އަދި ވަގުތު ނަގާނެ ކަމަށް ބޮލީވުޑްގެ ހަބަރުތައް ބުނެ އެވެ.