ގައުމެއް ބިނާކޮށް ރައްޔިތުނަށް ލާބަޔާއި މަންފާ ހޯދައިދިނުމަށް މުހިއްމު ދައުރެއް އަދާކުރެވޭނީ ސިޔާސީ ހަރަކާތުން ކަމަށް އެމްޑީޕީގެ ރައީސް އަދި މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަ ކުރަަމުންދާ އެމްޑީޕީގެ ސޯޅަ ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ ކިޔުމުގެ ގޮތުން ކުރެއްވި ޓުވީޓެއްގައި ކުރީގެ ރައީސް ނަޝީދު ވިދާޅުވީ ގައުމެއް ބިނާ ކުރުމުގެ އެންމެ މުހިއްމު ތަރަހައަކީ އިންތިޒާމްވެގެން ހިންގާ ސިޔާސީ ހަރަކާތްކަމަށެވެ. އަދި އެހަރަކާތް ހިންގަނީ އެމްޑީޕީން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މިއަދު ހެނދުނު އެމްޑީޕީ މައި ހަރުގޭގައި ދިދަ ގެނުމުގެ ރަސްމިއްޔާތު ބާއްވާފައިވާއިރު އެރަސްމިއްޔާތަށް ވަނި ފިނި ތަހުރުހީބެއް ލިބިގެން ގޮސްފަ އެވެ. އަދި މިރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާއި އެމަނިކުފާނުގެ ކެބިނެޓްގައި ހިމެނޭ އެމްޑީޕީ ވަޒީރުން ބައިވެރިނުވާކަން ފާހަގަ ކޮށްލެވެ އެވެ.

އެހެން ނަމަވެސް ރައީސް ސޯލިހު މިރަސްމިއްޔާތުގައި ބައިވެރިނުވީ ކަރަންޓީނުގައި ހުންނެވުމުން ކަމަށް ވަނީ ބުނެފަ އެވެ.

އެމްޑީޕީގެ 16 ވަނަ އަހަރީ ދުވަސް ފާހަގަ ކުރަމުންދާއިރު ޕާޓީގެ ތެރޭގައި ވަނީ ބަައިބައިވުން އުފެދިފަ އެވެ. އަދި މިއަދު އެމްޑީޕީގެ އަހަރީ ދުވަހުގެ ތަހުނިޔާ ޕާޓީގެ ލީޑަރުން ފޮނުއްވާފައިވާއިރު، އެއްބޭފުޅަކު އަނެއް ބޭފުޅެއްގެ ނަންފުޅު ގެންނަވާފައި ވެސް ނުވެ އެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ކުރިއަށް ގެންދާ އިންކުއަރީގެ ތެެރެއިން އެމްޑީޕީގެ ތެރޭގައި ބައިބައިވުން އުފެދިފައިވާކަން ފާހަގަ ކޮށްލެވެ އެވެ.