2008 ވަނަ އަހަރުގެ ބިގް ބޮސް ސީޒަންއިން ފެނިގެން ދިޔަ ބަތަލާ ޕާޔަލް ރޮހަޓްގީ ހަޑި ހުތުރު ބަހުން މެސެޖްކުރުމުން ހައްޔަރުކޮށްފި އެވެ.

"36 ޗައިނާ ޓައުން" ފެނިގެންދިޔަ ބަތަލާ ޕާޔަލް އަހުމަދު އާބާދުގެ ފުލުހުން ހައްޔަރުކުރީ އޭނާ ދިރިއުޅޭ ސަރަހައްދުގެ ޗެއަމަންއަށާއި އެތަނުގައި ދިރިއުޅޭ ފަރާތްތަކަށް ހަޑިހުތުރު ބަހުން ސޯސަލް މީޑިއާގައި އިންޒާރުދީ މެސެޖްކޮށްފައި ވާތީ އެވެ. އެތަނުގައި އުޅޭ މީހުންނަށް ޕާޔަލްގެ ސަބަބުން ވަރަށް ގިނަ އުނދަގޫތަކެއް ވާ ކަމަށްވެ އެވެ. ޕާޔަލް ވަނީ އެތަނުގައި އުޅޭ ކުޑަކުދިން ކުޅޭތީ އުނދަގޫވާތީ އެ ކުދިންނަށް އެކަމުގައި އިންޒާރު ދީފަ އެވެ.

މިއީ ފުލުހުން ޕާޔަލް މިކަހަލަ މައްސަލައެއްގައި ހައްޔަރުކުރި ފުރަތަމަ ފަހަރަށް ނުވާއިރު، 2019 ވަނަ އަހަރު ރާޖަސްތާން ޕޮލިހުން ވެސް ވަނީ މިފަދަ މައްސަލައެއް ތަހުގީގުކޮށްފަ އެވެ. އެ ފަހަރު ޕާޔަލްގެ މައްސަލަ ބަލާފައިވަނީ އިންޑިއާގެ ކުރީގެ ބޮޑުވަޒީރެއްގެ އަންހެނުންނަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާ ވީޑިއޯތަކެއް ހެދުމުގެ ސަބަބުންނެވެ.

ޕާޔަލްވަނީ ވަނީ ބޮލީވުޑްގެ ގިނަ ފިލްމުތަކެއްގައި މަސައްކަތް ކޮށްފަ އެވެ. އޭގެ ތެރޭގައި 36 ޗައިނާ ޓައުން، ޑޯލް އަދި ދިލް ކަބައްޑިގެ އިތުރުން ގިނަ ފިލްމުތަކެއް ހިމެނެ އެވެ.

އޭނާ ވަނީ މަގުބޫލު ރިއަލިޓީ ޝޯ ބިގްބޮސްގައި 2008ގައި ބައިވެރިވެފަ އެވެ. ޕާޔަލް ކައިވެނީގެ ގޮތުން ގުޅިފައިވަނީ ސަންގުރާމް އާ އެވެ.