ކޮވިޑް ހާލަތު ގޯސްވުމުން، މާލެ ސަރަހައްދުގައި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލާފައި އޮތް އޮތުން ނިމުމަކަށް ގެނުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން މިއަދު ބުނީ ކޮވިޑް ހާލަތު މާލެ ސަރަހައްދުގައި މިހާރު ރަނގަޅުވެފައި ވާތީ، ޖަމާއަތުގައި ނަމާދުކުރުމާ މެދު ކަމާބެހޭ އިދާރާތަކާއެކު މަޝްވަރާކުރަމުން އަންނަ ކަމަށެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އެޅި ފިޔަވަޅުތަކާ ގުޅިގެން ނަމާދުގެ ޖަމާއަތް ހުއްޓާލީ މެއި މަހުގެ 12 ވަނަ ދުވަހު އެވެ. އަދި ކޮވިޑްގެ ހާލަތު އިތުރަށް ގޯސްވުމުން މެއި 26 އިން ފެށިގެން މިސްކިތްތައް ވެސް ބަންދުކުރި އެވެ. ނަމަވެސް މިދިޔަ ބުދަ ދުވަހުން ފެށިގެން ވަކިން ނަމާދުކުރުމަށް މިސްކިތްތައް ވަނީ އަލުން ހުޅުވާފަ އެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އެޅި ފިޔަވަޅުތަކުގެ ތެރޭގައި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލާފައިވަނިކޮށް މިދިޔަ ހުކުރު ދުވަހު ވެސް ޖަމާއަތް ހަދައިގެން ބައެއް މިސްކިތެއްގައި ވަނީ ހުކުރު ނަމާދު ކޮށްފަ އެވެ.