ސިޔާސީ ދާއިރާގައި އުޅޭ މަދު އަންހެނުންނަށް އަމާޒުކޮށްގެން މަޖިލިސް މެމްބަރުންނާއި ލީޑަޝިޕްގައި ތިއްބަވާ ބޭފުޅުން ބުލީކުރަން އުޅުއްވުމަކީ ވަރަށް ދެރަކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.

ރޮޒައިނާ މިހެން ވިދާޅުވީ އޮންލައިން ނޫހެއްގައި އޭނާ އަކީ އެމްޑީޕީގެ ދޮން މަންމަ ކަމަށް އެޕާޓީގެ ގައުމީ މަޖިލީހުގައި ތިމަރަފުށީ ދާއިރާގެ ރައީސް ވިދާޅުވި ހަބަރާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި އެވެ.

ރޮޒައިނާ ވިދާޅުވީ އޭނާ އަށް ހަނގާކުރުމާ ކުރިމަތިލައްވަން ޖެހުނީ ސުކޫލަކުން ނޫން ކަމަށާއި މަޖިލީހުގެ ތެރެއިން ބުލީކުރުމާއި މޫނަށް ކުޅުޖެހުން ފަދަ ކަންކަމާއި ކުރިމަތިލައްވަން ޖެހުން ކަމަށެވެ.

ރޮޒައިނާ މޫނަށް ކުޅުޖެހުން ކަމަށް ވިދާޅުވީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި އޭރު ޕީޕީއެމްގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު ވިލިމާލެ ކުރީގެ މެންބަރު މުޙައްމަދު ނިހާން ޙުސައިން މަނިކުގެ ކުރިމަތީ ހުންނަވައި ރޮޒައިނާ އަނގަ ގަދަކުރައްވަނިކޮށް ނިހާނު އަނގައަށް ފެން އަޅުއްވައި ރޮޒައިނާ މޫނަށް އަނގައިން ފެން ޖެއްސެވި ދުވަހަށެވެ.

ސިޔާސީ ދާއިރާއަށް ނުކުތީ އެއްވެސް މީހަކު ކިޔާހާ އެއްޗަކަށް އާނއެކޭ ކިޔާކަށް ނޫން ކަމަށާއި އަދި ބުލީކުރާ މީހުން ދެކެ ބިރުން، ގަބޫލު ނުކުރެވޭނެ ކަމެއް އެންޑޯޒްކޮށްފައި ވާހަކަ ދައްކާކަށް ވެސް ނޫން ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ.

ރޮޒައިނާ ވިދާޅުވީ ވަރަށް ގިނަ ކަންތައްތައް އިދިކޮޅުގެ މެންބަރުންނާއި އެއްކޮޅުން ވެސް ކުރިމަތިވެވަޑައިގެންފައިވާ ކަމަށެވެ. އަދި އެއިން އެއްވެސް ކަމަކާހުރެ ފަހަތަށް ޖެހިވަޑައިގެންފައިނުވާނެ ކަމަށްވެސް ރޮޒައިނާ ވިދާޅުވި އެވެ.

އެޅިހާ ބަތަކަށް ރިހައިގެ އުސޫލު ނުގެންގުޅޭތީ އެއީ ސިޔާސީ ގޮތުން އެކަމަނާއަށް ދޮންމަންމަ ކިޔަންޖެހޭ ކަމެއް ކަމަށްވަންޏާ އެކަންވެސް ނަންގަވާނީ ކުރާ ތަޢުރީފެއްގެ ގޮތުގައި ބަލައިކަންނަ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ބައެއް ބޭފުޅުންނާއި ރޮޒައިނާ ހިޔާލު ތަފާތުވެފައިވަނީ ރޮޒައިނާ އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ނިންމުންތަކާ މެދުގައި ހިތްހަމަނުޖެހި ފާޅުގައި ވާހަކަ ދަންކަވާތީ އެވެ.

މީގެ އިތުރުން ރައީސް ނަޝީދު އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމުން އެކަމާ ދެކޮޅަށް ރޮޒައިނާ ވަނީ ވާހަކަ ދައްކާފަ އެވެ. މިކަމާ ގުޅިގެން އޭރު ރައީސް ނަޝީދު ވިދާޅުވެފައިވަނީ ރޮޒައިނާ އެޕާޓީއިން ވަކި ކުރަންޖެހޭ ކަމަށެވެ.