ކުރީގެ އޯޑިއޯން ސިނަމާ ހުރި ބިމާއި ކުރީގެ ނާދީ ހުރި ބިން ސާފުކޮށް އެ ދެ ތަން ހުޅުވާލައިދޭން މާލޭ ސިޓީ ކައުންސިލުން އެދިއްޖެ އެވެ.

މާލެ ސިޓީ ކައުންސިލުން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ ކުރީގެ އޯޑިއޯ ބިމާއި ކުރީގެ ނާދީ ހުރި ބިން ސާފުކުރުމަށް ފަހު އަލުން ހުޅުވާލުމަށް ޕްލޭނިން މިނިސްޓްރީގައި އެދިފައިވާ ކަމަށެވެ. އަދި ކުންޏާ މަދިރީގެ އުނދަގުލާއި ނޭދެވޭ އަމަލުތައް އެތަންތަނުގައި ހިންގަމުންދާތީ އެކަމުގެ ޝަކުވާތައް ވެސް ސިޓީ ކައުންސިލަށް ލިބިފައިވާކަމަށް ވެސް އެކައުންސިލުން ވަނީ ބުނެފަ އެވެ.

އެ މައްސަލަތަކަށް ހައްލެއް ލިބިގެންދާނީ އެ ދެ ބިން ހުޅުވާލުމުން ކަމަށް ވެސް ކައުންސިލުން ވަނީ ބުނެފަ އެވެ.

ނަމަވެސް އެ ސިޓީއަށް އަދި ޖަވާބު ދީފައި ނުވާ ކަމަށާއި މިނިސްޓްރީގެ ޖަވާބަކަށް ވަކި މުއްދަތަކަށް ބެލުމަށް ސިޓީ ކައުންސިލުން އެ ދެ ބިން ސާފުކުރުމަށް ފަހު ހުޅުވާނެ ކަމަށް ވެސް ކައުންސިލުން ވަނީ ބުނެފަ އެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި ޓާޓާ ކުންފުންޏާ އެކު ހެދި އެއްބަސްވުމެއްގެ ދަށުން ކުރީގެ ގާކޮއްޓާއި އަރަބިއްޔާގައި ސޯޝަލް ހައުސިންގެ 280 ފްލެޓް އަޅާތީ ބަދަލެއްގެ ގޮތުން މަތީ ފެންވަރުގެ ފްލެޓް އަޅާ ވިއްކަން ޓާޓާ އަށް ދިނީ އޯޑިއޯން އާއި ނާދީ ހުރި ބިމެވެ. ނަމަވެސް މިހާތަނަށް އައިއިރު ވެސް ފްލެޓުގެ ބިންގާ އެޅުން ފިޔަވައި އިތުރު އެއްވެސް މަސައްކަތެއް އެދެ ބިމުގައި ކޮށްފައެއް ނުވެ އެވެ.

އެއްބަސްވުމުގެ ދަށުން، ރިސޯޓް ހަދަން ޅ. ޅޮއްސަލަފުށި ވެސް ޓާޓާ އަށް ދިނެވެ. އެކަމަކު މަސައްކަތް ފަށަން ދިން މުއްދަތުގައި ނުފެށި ކަމަށް ބުނެ އެއްބަސްވުން ބާތިލުކުރަން އޭޕްރީލް، 2017 ގައި ނިންމި އެވެ.

އެއްބަސްވުން ބާތިލް ކުރުމުގެ ސަބަބުން ގެއްލުމުގެ ބަދަލުގެ ގޮތުގައި 200 މިލިއަން ޑޮލަރު ހޯދަން އިންޑިއާގެ މުމްބާއީގެ އާބިޓްރޭޝަން ސެންޓަރަށް ޓާޓާ ކުންފުނިން ހުށަހެޅިއެވެ. އެހާ ބޮޑު ބަދަލެއް ދޭޖެހިދާނެތީ އަލުން އެއްބަސްވުން ހެދުމަށް ފަހު މަސައްކަތް ހަވާލުކުރި އެވެ. އެހެން ނަމަވެސް މިއަދާ ހަމައަށް އެތަނުގައި އެއްވެެސް މަސައްކަތެއް ކޮށްފަައިނުވާކަން ފާހަގަ ކޮށްލެވެ އެވެ.