ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރާއްޖެއަށް އިތުރަށް ގެނެވުނު ޚިދުމަތެއް ނެތް ކަމަށާއި ކުރެވުނުހާ ވެސް ކަމަކީ ނާގާބިލު ފަރާތްތަކަށް ސިޔާސީ މަގާމުތައް ދިނުން ކަމަށް ކުރީގެ ނައިބް ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ބައެއް މަގާމުތަކުގައި ތިއްބެވި ބޭބޭފުޅުންގެ ފޮޓޯ ވެސް ހިއްސާ ކުރައްވައި ކުރެއްވި ޓުވީޓްގައި ޑރ. ޖަމީލް ވިދާޅުވީ ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ފުއްދައިނުދެވުނަސް ރައީސް ސޯލިހަށް މުހިންމީ އަރިހުގައި ތިބި ނާގާބިލް މީހުންނާއި އެމީހުންގެ އާއިލާތަކަށް ޓެކްސް ފައިސާއިން ބޮޑު މުސާރަ ދިނުން ކަމަށެވެ.

ނާގާބިލް މީހުންނާއި އެމީހުންގެ އާއިލާތަކަށް ޓެކްސް ފައިސާއިން ބޮޑު މުސާރަ ދިނުން ފިޔަވާ ގެނެވުނު އެއްވެސް ހިދުމަތެއް އަދި އާމްދަނީ އެއްވެސް ނެތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ހާލަތުގެ ނާޒުކުކަން ރައީސަށް ވަޒަން ނުކުރެއްވޭތީ ހިތާމަ ކުރައްވާ ކަމަށް ޑރ. ޖަމީލު ވިދާޅުވި އެވެ.

ރައީސް ސޯލިހު ވަނީ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރުގައި އެމަނިކުފާނުގެ ސަރުކާރުގައި ސިޔާސީ މަގާމުތައް މަދު ކުރާނެ ކަމަށް ވިދާޅުވެފަ އެވެ. ރައީސް އޮފީހުން ހާމަކުރާ ގޮތުގައި 600 އަށް ވުރެ ގިނަ މީހުން އެކި ގޮތްގޮތަށް ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި މިހާރު އެބަ ތިބިއެވެ.

ކުރީގެ ސަރުކާރުގެ ސިޔާސީ މަގާމްތައް އިތުރުވެ، ދައުލަތުގެ ބަޖެޓަށް ބުރަ ބޮޑުވި މައްސަލައިގައި އޭރުގެ އިދިކޮޅު އަދި މިހާރު ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޕާޓީތަކުން ވަރަށް ބޮޑަށް ފާޑުކިޔާފައިވާކަން ފާހަގަ ކޮށްލެވެ އެވެ. އެހެން ނަމަވެސް ކުރީގެ ސަރުކާރަށް ވުރެން މިސަރުކާރުގެ ސިޔާސީ މަގާމުތައް ވަނީ އިތުރުވެގެން ގޮސްފަ އެވެ.