ޖުލައި މަހުން ފެށިގެން މާލެ ސަރަހައްދުގައި ކާފިއު ވަގުތަކީ ރޭގަނޑު 8:00 ން ފަތިހު 4:00 އަށް ހަމަޖައްސައިފި އެވެ.

ކޮވިޑާ ގުޅިގެން މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތައް ދިނުމަށް ހަމަޖެހިފައިވާ ލުއިތަކާ ގުޅޭ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ ޖުލައި މަހުން ފެށިގެން ލުއިތައް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން މާލެ ސަރަހައްދުގައި އިއުލާނު ކޮށްފައިވާ ކާފިއު ވަގުތު ކުޑަ ކުރުމަށް ނިންމާފައިވާ ކަމަށާއި އެގޮތުން ޖުލައި މަހުން ފެށިގެން ރޭގަނޑު އަށަކުން ފަތިހު ހަތަރަށް ކުޑަ ކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ކާފިއު ނޫން ވަގުތުތަކުގައި ފާހަކާ ނުލައި ބޭރުގައި އުޅެވޭނެ ކަމަށާއި ގައިދުކުކޮށް ނަމާދު ކުރުމުގެ އިންތިޒާމްތަކާއެކު މިސްކިތްތައް ހުޅުވާލުމަށް ނިންމާފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ކޮވިޑް ޖެހިގެން ރަނގަޅު ވެފައިވާ ތިބި މީހުން 60 ދުވަސް ވެފައިވާ މީހުންނަށް ކަރަންޓީނަކާ ނުލައި ރަށްރަށް ދެވޭނެ ކަމަށެވެ. ވިޔަފާރުތަކަށް ލިބިގެންދާ ގެއްލުން ކުޑަ ކުރުމަށްޓަކައި ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. ކެފޭ އަދި ރެސްޓޯރަންޓްތަކުގައި ކާފިއު ގަޑިތައް ފިޔަވައި އެހެން ވަގުތުތަކުގައި ކެއުން ބުއިމުގެ ހިދުމަތް ދިނުމަށް ހުޅުވާލުމަށް ނިންމާފައިވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލހް ވިދާޅުވީ ގޮތުގައި ފިޔަވަޅުތަކަށް ލުއި ދިން ނަމަވެސް ކޮވިޑް ފެތުރިދާނެތީ އެކަމަށްޓަކައި ތައްޔާރުވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އިތުރު ފެސިލިޓީތައް ގާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ފްރައިމަރީ ހެލްތު ކެއާ އަންނަ މަހު ފެށިގެން ތައާރަފުކުރުމަށް ނިންމާފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.