މާލެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމަށް މި ސަރުކާރުން ފަށާފައިވާ "މާލެ ސްޓްރީޓްސްކޭޕން ޕްރޮޖެކްޓް" ނަމުގައި ކުރިއަށްގެންދާ މަޝްރޫއު ވަގުތީ ގޮތުން މަޑުޖައްސާލައިފި އެވެ.

އެއްބަސްވުމުގައި ރޯޑްސް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާއި ކުރީގެ މާލޭ ސިޓީ ކައުންސިލުން ސޮއިކުރީ ޖެނުއަރީ 26، 2020 ގަ އެވެ.

ހެންވޭރު އަދި މައްޗަންގޮޅި މަގުތައް ހެދުމުގެ މަސައްކަތް ހުއްޓިފައިވާ ސަބަބު އޮޅުންފިލުވުމަށް އެ ދާއިރާތަކުގެ ތިން ކައުންސިލަރުންނާއެކު ބޭއްވި ބައްދަލުވުމަކަށް ފަހު، އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު (މޫކޭ) ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިހާރު ކުރިއަށް ގެންދާ މާލެ މަގުތައް ހެދުމަށް ފަށާފައިވާ މަޝްރޫއު މިވަގުތައް މަޑުޖައްސާލާފައިވާ ކަމަށެވެ. މިގޮތަށް މަޑުޖައްސާލީ މިހާރުގެ މޭޔަރު އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުގެ އެދިވަޑައިގަތުމަށް ކަމަށާއި މިހާރުގެ މޭޔަރު ބޭނުންވާ ގޮތަށް މަޝްރޫއުގެ ސްކޯޕަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މޫކޭ ވިދާޅުވި ގޮތުގައި ގެންނަ ބަދަލުތަކުގެ ތެރޭގައި މިހާރު ކުރިޔަށް ދަނީ މާލެ ވަށާ ހަތަރު ފޫޓު ފުޅާ ދުވާ ޓްރެކެއް ހެދުމަށް އަންދާސީ ހިސާބު ހުށައެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެހެން ނަމަވެސް މޭޔަރު މުއިއްޒު ކުރެއްވި ޓުވީޓްގައި ވިދާޅުވީ ކައުންސިލުން އެދިފައި ވާނީ ދެ މީޓަރުގެ ޓްރެކެއް ހެދުމަށް ކަމަށެވެ.

މަޝްރޫއުގެ ދަށުން ގެނެވޭ ބަދަލުގައި މާލޭގެ ފެންބޮޑުވުމަށް ހައްލުގެނައުމާއި، އިމާރާތްކުރުމުގެ ޑީވޯޓަރިންގް މައްސަލައަށް ހައްލުގެނައުމާއި، އެކި އެކި ބޭނުންތަކަށް މަގު ކޮންނަކޮނުމުގައި މަގުތައް ނުކޮނެ ޕޭވްމަންޓާ ހިސާބުން އެކަންކަން ހަމަޖެއްސޭގޮތަށް ހެދުމާއި، އަލިފާންނިއްވުމަށް ބޭނުންވާ ފަޔަރ ހައިޑްރަންޓްތަކާއި، މަގުތަކަށް އެކަށޭނަ ހޮޅިދަނޑިތަކާއި، އަދި ކެމެރާ ސިސްޓަމް ހަރުކުރުންވެސް ހިމެނެ އެވެ.

އަލުން ގާ އަތުރައި މަގުތަކަށް ބަދަލު ގެނައުމަށްޓަކައި ސަރުކާރުން އުފައްދާފައިވާ ކުންފުންޏާ ހަވާލުކުރީ 462 މިލިއަން ރުފިޔާ އަށެވެ.