މާލެ ސަރަހައްދުގައި ކޮވިޑް ހާލަތާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދީފައިވާތީ މިރޭ ފަތިސް ނަމާދުން ފެށިގެން ޖަމާޢަތް ފެށުމަށް އިސްލާމިކް މިނިސްޓްރީން އިމާމުންނަށް އަންގައިފި އެވެ.

އިސްލާމިކް މިނިސްޓްރީއިން ބުނެފައި ވަނީ މާދަމާއިން ފެށިގެން ކާފިއުގެ ވަގުތު ކުރުކުރުމާއެކު ފުރަބަންދު އުވައިލަން ނިންމާފައިވުމާއެކު މިރޭ ފަތިސް ނަމާދުން ފެށިގެން މާލެ ސަރަހައްދުގައި ހިމެނޭ ހުރިހާ މިސްކިތްތަކެއްގައި ޖަމާއަތުގައި ނަމާދުކުރަން ފެށުމަށް ހަމަޖައްސާފައިވާ ކަމަށެވެ.

މާލެ މިސްކިތްތަކުގައި ނަމާދުކުރަން ފަށާނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި ގައިދުރުކޮށްގެން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެ އެވެ.

ކޮވިޑް ހާލަތާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް މާދަމާއިން ފެށިގެން ލުއި ދިނުމަށް ނިންމާފައިވާއިރު މާލެ ސަރަހައްދުގައި އިއުލާނު ކޮށްފައިވާ ކާފިއު ގަޑި ވަނީ ކުޑަ ކޮށްފަ އެވެ. އެގޮތުން ކާފިއު ވަގުތު ވަނީ ރޭގަނޑު 8.00 އިން ފެށިގެން ފަތިހު 4.00 އަށް ކުރުކޮށްފަ އެވެ. އަދި ކާފިއު ނޫން ގަޑިތަކުގައި ބޭރުގައި އުޅެން ފުލުހުން ދޫކޮށްފައިވާ ޚާއްޞަ ހުއްދަ ބޭނުންނުވާ ގޮތަށްވަނީ ނިންމާފަ އެވެ.

ކާފިއ ނޫން ވަގުތު ތަކުގައި ހުރިހާ ވިޔަފާރިތަކެއް ހުޅުވުމަށް ހުއްދަ ދީފައިވާއިރު ކެފޭ އަދި ރެސްޓޯރެންޓުތަކުގައި ޑައިނިންގެ ހިދުމަތް ދިނުމަށްވެސް ވަނީ ހުއްދަދީފަ އެވެ.