މިއަހަރުގެ ޚިތާނީ ކޭމްޕް އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލް ގުޅިގެން ބާއްވަން ނިންމައިފި އެވެ.
ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗްއިން ނެރުނު ބާޔާނެއްގައި ބުނެފައި ވަނީ ޖުލައި މަހުގެ 10 ވަނަ ދުވަހުން ފެށިގެން އޮގަސްޓް ފަސްވަނަ ދުވަހާ ހަމައަށް ޚިތާނީ ކޭމްޕް ކުރިއަށްދާނެ ކަމަށެވެ. އަދި މިފަހަރުގެ ޚިތާނުކުރުމުގެ ކަންތައްތައް ކުރިޔަށް ގެންދަން ހަމަޖެހިފައި ވަނީ ހުޅުމާލެ ހޮސްޕިޓަލާ ގުޅިގެން ކަމަށް ވެސް އައިޖީއެމްއެޗުން ބުންޏެވެ.
ޚިތާނުކުރުމާއި އެއަށްފަހު އެޑްމިޓްކުރުން ހަމަޖެހިފައި ވަނީ ހުޅުމާލޭ ހޮސްޕިޓަލުގައި ކަމަށް ވެސް އައިޖީއެމްއެޗުން ބުންޏެވެ. އަދި ޚިތާނުކުރުން ކުރިއަށް ގެންދާނީ އައިޖީއެމްއެޗް އަދި ހުޅުމާލެ ހޮސްޕިޓަލުގެ ސާޖަރީ ޑޮކްޓަރުންގެ ޓީމަކުން ކަމަށް ވެސް އެ ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
ޚިތާނީ ކޭމްޕުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ނަން ނޯޓްކުރުމުގެ ފުރުސަތު މިއަދުން ފެށިގެން މިމަހުގެ ހަތް ވަނަ ދުވަހާ ހަމައަށް ލިބޭއިރު މިފަހަރުގެ ކޭމްޕުގައި ޚިތާނުކުރުމަށް ހަމަޖެހިފައި ވަނީ ޖުމްލަ 200 ކުދިން ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.
އައިޖީއެމްއެޗުން ބުނީ ހުކުރުދުވަސް ފިޔަވައި ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 ން މެންދުރުފަހު 3:00 އާއި ދެމެދު ދަރުމަވަންތަ ހޮސްޕިޓަލްގެ ތިންވަނަ ފަންގިފިލާގައިވާ ސާޖަރީ ކައުންޓަރުން ނަން ނޯޓްކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
ނަން ނޯޓުކޮށްފައިވާ ކުދިން ޚިތާނުކުރުމުގެ އެއް ހަފުތާ ކުރިން ސާޖަރީ ޑޮކްޓަރަށާއި ހޭނައްތާ ޑޮކްޓަރަކަށް ދެކުމުގެ ފުރުސަތު ހޮސްޕިޓަލުން ފަހިކޮށްދޭނެ އެވެ.
ޚިތާނުކުރުމަށް އޮޕަރޭޝަން ތިއޭޓަރަށް ގެންދާއިރު 72 ގަޑިއިރު ހަމަނުވާ ކޮވިޑް-19 ނެގެޓިވް ރިޕޯޓެއް އޮންނަން ޖެހޭނެ އެވެ. މި ޓެސްޓް ހެދުމުގެ އިންތިޒާމު ވެސް ހޮސްޕިޓަލުން ހަމަޖައްސައިދޭނެ އެވެ.
ޚިތާނުކުރާނީ އައިޖީއެމްއެޗް އަދި ހުޅުމާލޭ ހޮސްޕިޓަލުގެ ސާޖަރީ ޑޮކްޓަރުން، ކުރިން ރާވާފައިވާ ތާވަލެއްގެ ތެރެއިންނެވެ. ޑިސްޗާޖް ކުރުމާއި ފޮލޯއަޕްކުރުން އޮޕަރޭޝަން ތިއޭޓަރުން ހިތާނީ ވޯޑަށް ގެންދެވި، ހަމަޖެހިފައިވާ އުސޫލުގެ ދަށުން ގެއަށް ދޫކޮށްލުމުގެ ކަންތައް ވޯޑުން ކުރިއަށް ގެންދެވޭނެ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ. ޚިތާނުކުރުމަށްފަހު ތިން ދުވަސް ފަހުން ޑޮކްޓަރަށް ދެއްކުމަށް އައިޖީއެމްއެޗްގެ ސާޖަރީ ޑިޕާޓްމަންޓުން އެޕޮއިންޓްމަންޓް އިންތިޒާމް ކޮށްދޭނެ ކަމަށް ވެސް އައިޖީއެމްއެޗުން ބުންޏެވެ.
ޚިތާނުކުރުމާއި ގުޅިގެން އެއްވެސް އިމަޖެންސީއެއް ދިމާވެއްޖެނަމަ އަވަސްފަރުވާ އަށް އައިޖީއެމްއެޗްގެ އެމަޖެންސީ ޑިޕާޓްމަންޓަށް ދިއުމުން އައިޖީއެމްއެޗްގެ ސާޖަރީ އޮންކޯލުގައި ހުންނަ ޑޮކްޓަރު ބަލާނެ ކަމަށް އެ ހޮސްޕިޓަލްގެ ބަޔާނުގައި ބުނެފައިވެ އެވެ.