ދުނިޔޭގެ މަޝްހޫރު ފަންނާނުންނަކީ އެ މީހުން އިންސްޓަގްރާމްގައި ހިއްސާކޮށްލާ ޕޯސްޓަކަށް ވެސް އެތައް މިލިއަން ރުފިޔާއެއް ހޯދާ ބައެކެވެ.
އެގޮތުން ބަލާއިރު މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ ވެފައިވަނީ އިންސްޓަގްރާމް އިން އެންމެ ބޮޑު އާމްދަނީއެއް ހޯދާ ފަރާތަށް ވެފަ އެވެ.
ރޮނާލްޑޯ އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި ސްޕޮންސާ ޕޯސްޓެއް ހިއްސާކޮށްދެނީ 11.9 ކުރޯރު އިންޑިއަން ރުޕީސް (1.5 މިލިއަން ޑޮލަރު) އަށެވެ.
މީގެ އިތުރުން ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާއަކީ ވެސް އިންސްޓަގްރާމްއިން ބޮޑު އާމްދަނީއެއް ހޯދާ ތަރިންގެ ތެރޭގައި ހިމެނޭ ފަންނާނެކެވެ.
އަދި އޭނާއަކީ ދުނިޔޭގެ ނަން މަޝްހޫރު ފަންނާނުންގެ ތެރޭގައި ވެސް ފިޔަ ޖަހަމުން އަންނަ ތަރިއެކެވެ. މިސް ވޯލްޑްގެ ލަގަބު ލިބި ހިންދީ ސިނަމާގައި ބޮޑު ކާމިޔާބީއެއް ހޯދައި މިހާރު ޕްރިޔަންކާ އަންނަނީ ހޮލީވުޑްގައި ވެސް ހަރަކާތްތެރިވަމުންނެވެ.
ޕްރިޔަންކާ ޗޯޕްރާ އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި ސްޕޮންސާ ޕޯސްޓެއް ހިއްސާކޮށްދެނީ ތިން ކުރޯރް (403،000 ޑޮލަރު) އިންޑިޔަން ރުޕީސް އަށެވެ.
ޕްރިޔަންކާ އެކޭ އެއްގޮތަށް އިންޑިއާގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ އަދި އެކްޓްރެސް އަނުޝްކާ ޝަރްމާގެ ފިރިމީހާ ވިރާޓް ކޮލީއަކީ ވެސް އިންސްޓަގްރާމްގައި ހިއްސާކުރާ ޕޯސްޓަތަކުން ބޮޑު އާމްދަނީ އެއް ހޯދާ ފަރާތެކެވެ.
އެގޮތުން ވިރާޓް އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި ސްޕޮންސާ ޕޯސްޓެއް ހިއްސާކޮށްދެނީ ފަސް ކުރޯރް އިންޑިޔަން ރުޕީސް (670،00 ޑޮލަރު) އަށެވެ.
ނިމިދިޔަ އަހަރު ވިރާޓް ވަނީ ދުނިޔޭގެ އެންމެ ބޮޑު އާމްދަނީ ލިބޭ އެތްލީޓުން ގެ ލިސްޓުގެ 66 ވަނަ ޖާގަ ހޯދާފަ އެވެ.