ވިދިވިދިގެން ތިން އަހަރު ވޮޗްލިސްޓުގައި އޮތުމަށްފަހު، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ކޮންމެ އަހަރަކު ނެރޭ ޓްރެފިކިން އިން ޕާސަންސް (ޓިޕް) ރިޕޯޓުގެ ޓިއާ ދޭކަށް ރާއްޖެ ޕްރޮމޯޓުވެއްޖެ އެވެ.

އެމެރިކާ ސަރުކާރުންވަނީ، 2017 ވަނަ އަހަރު، ރާއްޖޭގެ ޓްރެފިކިން ރެކޯޑަށް ބެއްލެވުމަށްފަހު، ޓްރެފިކިން ވޮޗްލިސްޓުގައި ހިމަނައިފަ އެވެ. 2020 ވަނަ އަހަރު ރާއްޖެއިން ވަނީ، ހިއުމަން ޓްރެފިކިންގާ ދެކޮޅަށް އާ އެކްޝަން ޕްލޭނެއް އެކުލަވާލައި، ނެޝަނަލް އެންޓި-ހިއުމަން ޓްރެފިކިން ސްޓިއަރިން ކޮމިޓީގެ އޮނިގަނޑާއި ހިންގުން ހަރުދަނާކޮށް، ޓިއާ 3 އަށް އޮޓޮމެޓިކުން ޑައުންގްރޭޑް ވިޔަ ނުދީ ސަލާމަތްވެފަ އެވެ. ޓިއާ 3 އަށް ވެއްޓުމަކީ، އެމެރިކާ ސަރުކާރުން ރާއްޖެއަށް ދެއްވާ ނޮން- ހިއުމެނިޓޭރިއަން އެހީ ކަނޑައިލުމަށް މަގުފަހިވާނެ ކަމެކެވެ.

އެމެރިކާ ސަރުކާރުން ބުނެފައި ވަނީ ޓިޕް ރިޕޯޓުގައި ރާއްޖެއިން މަތީ ގިންތިއަކަށް ޕްރޮމޯޓުވެފައިވާ ކަމުން ރަމްޒުކޮށްދެނީ، ނުހަނު ދަތި އުނދަގޫ ޙާލަތުގައިވެސް، އިންސާނީ ވަގުފާރިއާ ދެކޮޅަށް، މިދިޔަ އަހަރުގެ ތެރޭގައި، ސަރުކާރުން އެޅުއްވި ފިޔަވަޅުތަކުގެ ސަބަބުން، ބޮޑު ކުރިއެރުމެއް ޙާސިލްވެފައިވާ ކަމަށެވެ.

ކޮވިޑް-19ގެ ސަބަބުން ކުރިމަތިވެފައިވާ ގޮންޖެހުންތަކާ އެކު ވެސް، އިންސާނީ ވަގުފާރިއާ ދެކޮޅަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ދެއްވާ އަހައްމިއްޔަތުކަމާއި ޚާއްސަ އިސްކަން ފާހަގަކުރައްވައި، އެމަނިކުފާނަށާއި ދައުލަތުގެ ކަމާބެހޭ ހުރިހާ މުއައްސަސާތަކަށް ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ވަނީ ޝުކުރުއަދާކުރައްވާފަ އެވެ. އަދި 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން، މިނިސްޓްރީ އޮފް ޑިފެންސުން ރިޔާސަތު ބަލަހައްޓަވަމުން ގެންދަވާ، ނެޝަނަލް އެންޓި-ހިއުމަން ޓްރެފިކިން ސްޓިއަރިން ކޮމިޓީގެ ރައީސް އަދި ޑިރެކްޓަ އޮފް އެންޓި-ހިއުމަން ޓްރެފިކިން އަލީ ޖައިޝަން ޢާމިރާއި ކޮމިޓީގެ ހުރިހާ މެންބަރުންގެ ބުރަ މަސައްކަތްޕުޅާއި، ކޮމިޓީއަށް އެއްބާރުލުން ދެއްވާ ފަރާތްތަކުގެ އެހީތެރިކަން ފާހަގަކުރައްވައި، އެކަމަނާ ވަނީ ޝުކުރުއަދާކުރައްވާފަ އެވެ.

އިންސާނީ ވަގުފާރިއާ ދެކޮޅަށް ސަރުކާރުން އެކުލަވާލައްވާފައިވާ އެކްޝަން ޕްލޭންގެ ދަށުން، މިދިޔަ އަހަރުގެ ތެރޭގައި، ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ވަނީ ޙާސިލްކޮށްފަ އެވެ. އޭގެ ތެރޭގައި، އިންސާނީ ވަގުފާރީގެ ޝިކާރައަކަށްވާ ފަރާތްތަކަށް ހާއްސަ ޝެލްޓަރެއް ގުޅީފަޅުގައި ގާއިމްކުރުމާއި، މިނިސްޓްރީ އޮފް ޑިފެންސްގެ ދަށުން ހިންގާ ގޮތަށް އެންޓި-ޓްރެފިކިންގ އިން ޕާސަންސް (އެންޓި-ޓިޕް) އޮފީސް ޤާއިމްކުރުމަށާއި އެކްޝަން ޕްލޭން ތަންފީޒުކުރުމަށް ދައުލަތުގެ ބަޖެޓުން ފައިސާ ހަމަޖެއްސުމާއި، މީހުން ޓްރެފިކްކުރުން ހުއްޓުވުމާ ބެހޭ ޤާނޫނު، އ.ދ.ގެ ޓިޕް ޕްރޮޓޮކޯލްއާ އެއްގޮތްކުރަން ގާނޫނަށް ބަދަލުގެނައުން ހިމެނެ އެވެ.