ލަންކާގަައި އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކު ލައްވާ ހަށި ވިއްކުވި މައްސަލާގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ދިވެހި ފިރިހެނަކު ވެސް ހައްޔަރު ކޮށްފައިވާ ކަމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ބުނެފި އެވެ.

ސްރީލަންކާގެ މައުންޓް ލެވީނިއާ ސަރަހައްދުގައި އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކު ލައްވާ ހަށި ވިއްކުވި މައްސަލައެއްގައި ގިނަ ބަޔަކު ވަނީ ހައްޔަރު ކޮށްފަ އެވެ. އެ މީހުންގެ ތެރޭގައި ދިވެހި ފިރިހެނަކު ހިމެނޭއިރު ކުޑަ އަންހެން ކުއްޖަކު ޖިންސީ ބޭނުމަށް އެކި މީހުންނާ ހަވާލުކޮށް އެ ކުއްޖާގެ ކިބައިން ނާޖާއިޒު ފައިދާ ނަގަމުން ދިޔަ މައްސަލަ ލަންކާ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ލަންކާ ތަހްގީގަށް ފާހަގަ ކުރެވިފައިވާ ގޮތުގައި ކުއްޖާ މިގޮތަށް ވިއްކަމުން ގެންދާތާ މިހާރު ތިން މަހެއްހާ ދުވަސް ވެފައިވާ ކަމަށް ލަންކާ ފުލުހުން ބުނެ އެވެ. އެހެން ނަމަވެސް މިކަމުގައި ހައްޔަރު ކުރި ދިވެހި މީހާއަށް ކުރާ ތުހުމަތެއް އަދި ލަންކާ ފުލުހުން ހާމައެއް ނުކުރެ އެވެ.

ލަންކާ ފުލުހުން ބުނެފައި ވަނީ މިމައްސަލާގައި 32 މީހަކު ހައްޔަރު ކޮށްފައިވާއިރު، އެ ކުއްޖާގެ މަންމަ ވެސް ހައްޔަރު ކޮށްފައިވާ ކަމަށެވެ.

"މި މައްސަލައިގެ ތަހުގީގުން މިހާތަނަށް އެނގިފައިވާ ގޮތުގައި ކުޑަކުއްޖާގެ ބޭނުން ނަހަމަގޮތުގައި ހިފުމަށް ވެބްސައިޓަކާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި މިކަން އިސްތިހާރުކޮށް ކުއްޖާ ގަންނަން ބޭނުންވާ މީހުންނަށް މައުލޫމާތު ފޯރުކޮށްދެމުން ދިޔަ،" ފުލުހުން ބުންޏެވެ.

ލަންކާގެ ނޫސްތަކުން އެ ގައުމުގެ ފުލުހުންނާ ހަވާލާދީ ބުނީ މި ބޮޑު ކުށުގެ ތުހުމަތަށް އިތުރު 12 މީހަކު ހައްޔަރުކުރުމުގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނަ ކަމަށެވެ.