ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަން ގޮއްވާލާނެ ކަމަށް ބުނެ ޓުވީޓްކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ބަންދަށް ހަތް ދުވަސް ޖަހައިފި އެވެ.

ކާކުކަން ނޭނގޭ ރޯޔަލް ހަސަން ތަކުރު ކިޔާ ޓުވީޓާ އެކައުންޓަކުން ކުރި ޓުވީޓެއްގައި ވަނީ އިންޑިއާގެ ހައިކޮމިޝަން ގޮއްވާލަން ބާރުގަދަ ގޮވާޒާތުގެ، "އާރްޑީއެކްސް" ބޭނުންވާ ކަމަށް ބުނެފަ އެވެ. އެކަން ވަރަށް އަވަހަށް ކުރާނެ ކަމަށް ވެސް އޭނާގެ ޓުވީޓްގައިވެ އެވެ.

ކޯޓު އަމުރެއްގެ ދަށުން އެ މައްސަލައިގައި ހޮނިހިރު ދުވަހު ފުލުހުން ހައްޔަރު ކޮށްފައިވަނީ 42 އަހަރުގެ ފިރިހެނަކެވެ.

ފުލުހުން ބުނީ، އެ މައްސަލާގައި ހައްޔަރުކުރި މީހާގެ ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ހަތް ދުވަސް ޖަހާދީފައިވާ ކަމަށެވެ.

އެ މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ އެމްޑީޕީގެ މެމްބަރެއް ކަމަށްވާ މުހަންމަދު އިނާދެވެ.

އެމްޑީޕީން ބުނީ އިންޑިއާ ހައިކޮމިޝަން ގޮއްވާލަން އިންޒާރުދީ ޓުވީޓްކޮށްފައިވާކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވާ މުހައްމަދު އިނާދުގެ މައްޗަށް ފުލުހުން ހިންގާ ތަހުގީގަށް ބަލާ މުހައްމަދު އިނާދު ޕާޓީން ވަކިކުރުމަށް ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީން ނިންމާފައިވާ ކަމަށެވެ.

އިންޑިޔާގެ ހައިކޮމިޝަން ގޮއްވާލާނެކަމުގެ އިންޒާރު ދިނުމާ ގުޅިގެން އެތަނުގެ ސަލާމަތީ ފިޔަވަޅުތަށް މިހާރު ވަނީ ވަރުގަދަކޮށްފަ އެވެ. ފުލުހުން ގެންދަނީ އެމައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.