އިސްލާމީ ކަންތައްތަކާބެހޭ އެންމެ މަތީ މަޖިލީހެއް ރާއްޖޭގައި ގާއިމް ކުރަންޖެހޭ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ކުރޭގެ ޗާންސެލާ ޑރ. ޝަހީމް މިއަދު ކުރެއްވި ޓުވީޓްގައި ވިދާޅުވީ ރާއްޖޭގެ އިސްލާމީ ކަންކަން ހިންގުމުގެ އިދާރީ އެންމެހައި ކަންކަމެއް އެކައުންސިލްގެ އިހްތިސާސްގެ ތެރޭގައި ހިމަނައި، މިނިވަން މުސްތަގިއްލު ތަނެއްގެ ގޮތުގައި ގާނޫނެއްގެ ދަށުން، "އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖުލިސް" ރާއްޖޭގައި ގާއިމުކުރުމަކީ، މުހިންމު ކަމެއް ކަމަށެވެ. އަދި ވުޒާރާއެއްގެ ބަދަލުގައި މިގޮތަށް ކައުންސިލެއް ގާއިމުކުރެވިއްޖެނަމަ ތަފާތު ނުފޫޒުތަކުން އިސްލާމީ ކަންކަން މިނިވަންވެ، އެކަންކަމުގެ މަޞްލަޙަތު ދެމެހެއްޓި މަސްރަޙަށް އަންނަ ސިޔާސީ ބަދަލުތަކުން އެކަންކަން ސަލާމަތްވެ ގައުމީ، ދީނީ ކަންކަން ދެމެހެއްޓެނިވި ގޮތެއްގައި ގާއިމުކުރެވޭނެ ކަމަށް ޑރ. ޝަހީމް ވިދާޅުވި އެވެ.

އިސްލާމީ ކަންތައްތަކާއިބެހޭ އެންމެ މަތީ މަޖިލީހެއް ރާއްޖޭގައި ގާއިމްކުރުމަށް ޑރ. ޝަހީމް ގޮވާލެއްވިއިރު، ދީނީ ކަންކަމުގައި އިސްލާމިކް މިނިސްޓްރީން ބަސް ނުބުނާތީ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ މިނިސްޓްރީއަށް އަމާޒުވެފަ އެވެ. އަދި ދީނީ ކަންކަމުގައި ފަތުވާ ނެރުމަށް ފަތުވާ މަޖިލީހެއް ރާއްޖޭގައި އެކުލަވާލާފައިވީ ނަމަވެސް، ފަތުވާ މަޖިލިސް ހަރަކާތްތެރިވާ މަންޒަރު ފެންނަނީ ވަރަށް މަދުންނެވެ. ގިނަ މައްސަލަ ތަކުގައި ފަތުވާ މަޖިލިސް ބަހެއް ބުނަނީ ދީނީ ކަމެއްގައި ރައްޔިތުންނާއި ދީނީ ޢިލްމްވެރިންގެ މެދުގައި ޚިލާފު އުފެދި ބޮޑު ބަހުސަކަށް ދާފަހުންނެވެ.

މީގެކުރިން ރައީސް މައުމޫންގެ ވެރިކަމުގައި ރާއްޖޭގައި އޮންނަނީ އިސްލާމީ ކަންތައްތަކާއިބެހޭ އެންމެ މަތީ މަޖިލީހެވެ. ނަމަވެސް ރައީސް ނަޝީދުގެ ވެރިކަމުގައި އިސްލާމީ ކަންތައްތަކާއި ބެހޭ އެންމެ މަތީ މަޖިލިސް އުވާލެއްވުމަށްފަހު، އިސްލާމިކް މިނިސްޓްރީއެއް ގާއިމްކުރި އެވެ.