ކޮވިޑް ވެކްސިން ޖަހާފައިވާ ފަރާތްތަކަށް މާލެއިން ކަރަންޓީނަކާ ނުލައި ރަށްރަށަށް ދެވޭ ގޮތަށް ހަމަޖައްސައިފި އެވެ.

ރައީސް އޮފީހުގައި ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ މާލެގައި ކޮވިޑް ބަލިޖެހޭ މިންވަރު ދަށްވެފައިވާތީ މާލެއިން ރަށްރަށަށްދާ މީހުންނަށް ކަރަންޓީނުވެ ރަށަށް ދެވޭނެ ކަމަށެވެ.

އެކަމަކު އެ މީހުން ދަތުރުކުރަން ޖެހޭނީ ޕީސީއާރު ނެގެޓިވް ނަތީޖާއަކާ އެކު ކަމަށްވެސް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން މަބްރޫކް ވިދާޅުވީ ކޮވިޑް ބަލިޖެހޭ މިންވަރު ފަސް އިންސައްތަ އާއި ދިހަ އިންސައްތަ އާ ދެމެދު ހުރިނަމަ މާލެ އިން ރަށަށްދާ ހަތް ދުވަހުގެ ކަރަންޓީނެއްވާ ޖެހޭނެ ކަމަށެވެ.

ކޮވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ދޭ ލުއިތަކުގެ ތެރޭގައި ވެކްސިންގެ ދެ ޑޯޒް ހަމަކުރުމަށްފަހު، 14 ދުވަސް ވެފައިވާ ފަރާތްތަކަށް ކަރަންޓީންވުމަކާއި ނުލައި މޮނިޓަރިންގައި ނެތް ރަށްރަށަށް ނުވަތަ ފަސް ޕަސަންޓަށް ވުރެ ޕޮޒިޓިވް ރޭޓް ރަށްރަށަށް ދިއުމުގެ ފުރުސަތު ދިނުން ހިމެނެ އެވެ. ނަމަވެސް ދަތުރުކުރާއިރު ނެގެޓިވް ޕީސީއާރު ޓެސްޓެއް ގެންދަންޖެހެ އެވެ.

ދެ ޑޯޒް ޖެހި މީހުންނަށް ދިން ލުއި

ރަށެއްގައި ޕޮޒިޓިވިޓީ ރޭޓް ފަސް ޕަސަންޓާއި ދިހަ ޕަސަންޓާއި ދެމެދު ހުރިނަމަ، އެ ރަށަކަށް ދެވޭނީ ނެގެޓިވް ޕީސީއާރު ޓެސްޓަކާއި ހަތް ދުވަހުގެ ކަރަންޓީން މުއްދަތަކާއެކު އެވެ. އަދި ކަރަންޓީނަށް ފަހު ރިލީޒް ސާމްޕަލް ނަގަން ޖެހެ އެވެ. ރަށެއްގައި ޕޮޒިޓިވިޓީ ރޭޓް 10 ޕަސަންޓަށްވުރެ ބޮޑުނަމަ އެރަށަކަށް ދެވޭނީ ނެގެޓިވް ޕީސީއާރު ޓެސްޓަކާއި 14 ދުވަހުގެ ކަރަންޓީން މުއްދަތަކާއެކު އެވެ.

މީގެ އިތުރުން ރިލީޒް ސާމްޕަލް ވެސް ނަގަންޖެހޭނެ އެވެ.

މި ބަދަލުގެ އިތުރުން ރިސޯޓު މުވައްޒަފުންނަށް ވެސް ކަރަންޓީނުވުމަކާ ނުލައި ރަށަށް ދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ވިޔަފާރިތަކަށް ވެސް ލުއިތަކެއް

މީގެ އިތުރުން މަބްރޫކް ވިދާޅުވީ މާލެ ސަރަހައްދުގައި އިއުލާނު ކޮށްފައިވާ ކާފިއު މިއަދު ފެށިގެން އުވާލުމަށް ނިންމާފައިވާ ކަމަށެވެ. އަދި ވިޔަފާރިތަކާއި ރެސްޓޯރެންޓް އަދި ކެފޭތައްވެސް ރޭގަނޑު 1130 ވަންދެން ހުޅުވާފައި ބެހެއްޓޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މަބްރޫކް ވިދާޅުވީ މިލުއިތަކަކީ ކޮވިޑްއިން އަރައިގަތުމަށް ސަރުކާރާއެކު ރައްޔިތުން ދިން އެއްބާރުލުމަށްޓަކައި ލިބިގެން ދިޔަ ލުއިތަކެއް ކަމަށެވެ. ލުއިތައް ދިން ނަމަވެސް ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަބަދު އަޅައިގެން ތިބުމަށްވެސް މަބްރޫކު އެދިވަޑައިގަތްނެވި އެވެ.