ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައެޅިފައިވާ ނަފްރަތުގެ ކުށް ކަނޑައަޅާ ބިލުގެ ސަބަބުން މުޖްތަމައުގައި އިތުރަށް ބައިބައިވެ، ދީނަށް ފުރައްސާކުރުން އިތުރުވެގެންދާނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީން ބުނެފި އެވެ.

އިދިކޮޅު ކޮލިޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އިސްލާމްދީނުގެ މަތިވެރި ހިދާޔަތާއި ޒަމާނުއްސުރެ ދިވެހީން ބަލައިގަނެފައިވާ އިސްލާމީ ރިވެތި ސިފަތަކަށްވާއިރު، ގާނޫނުލްއުގޫބާތަށް އިސްލާޙު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައެޅިފައިވާ ނަފްރަތުގެ ކުށް ކަނޑައަޅާ ބިލަކީ ދިވެހިރާއްޖޭގެ އިސްލާމީ މުޖްތަމަޢާއި އެންމެ އެކަށޭނަ ބިލެއް ނޫން ކަމަށެވެ. އަދި މި ބިލުގެ ސަބަބުން މުޖްތައަމަޢު އިތުރަށް ބައިބައިވެ، ރައްޔިތުންގެ މެދުގައި އިތުރަށް ނަފްރަތު އުފެދި، ޤައުމު އިތުރަށް ފަސާދަވުމުގެ ފުރުސަތު އިތުރުވެގެންދާނެ ކަމަށް އެ ކޯލިޝަނުން ބުންޏެވެ.

ކޯލިޝަނުން ބުނީ މިބިލުގެ ސަބަބުން ދީނަށް ފުރައްސާރަކޮށް ދީން ނިކަމެތި ކުރުމަށް ހިތްވަރު ލިބިގެންދާނެ ކަމަށެވެ. މި ކޯލިޝަނުން ދެކޭ ގޮތުގައި ހަރުކަށި ފިކުރު އިތުރުވަނީ ގާނޫނާއި ގަވައިދު ނެތިގެނެއް ނޫން ކަމަށާއި ހެދިފައިވާ ގާނޫނުތަކާއި ގަވައިދުތައް ތަންފީޒު ނުކުރެވުމުގެ ސަބަބުން ކަމަށް ވެސް ޕްރޮގްރެސިވް ކޯލިޝަނުން ބުންޏެވެ.

އެ ބިލާއި ދެކޮޅަށް މަޖިލީހުގައި ހިމެނޭ 10 މެމްބަރަކު ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށް ބަޔާން ނެރެފަ އެވެ. ގިނަ ފަރާތްތަކުން މިބިލާ ދެކޮޅަށް ބަޔާން ނެރެފައިވާއިރު މި ބިލު ދިރާސާކޮށް ޖުޑިޝަރީ ކޮމިޓީން އެކުލަވާލި ރިޕޯޓް ހުށަހެޅުމަށް މަޖިލީހުގެ މިއަދުގެ ޖަލްސާގެ އެޖެންޑާގައި ވަނީ ހިމަނައިފަ އެވެ.

އެ ޖަލްސާގެ އެޖެންޑާގައި ތިން ކަމެއް ހިމަނާފައިވާއިރު، ޖުޑިޝަރީ ކޮމިޓީގެ ރިޕޯޓް އޮތީ އެޖެންޑާގެ އެންމެ ފަހު ކަމެއްގެ ގޮތުގަ އެވެ.

މަދު ކަމެއް އެޖެންޑާގައި އޮތުމުން މިއަދުގެ ޖަލްސާގައި އެ ރިޕޯޓް ތަޅުމަށް ހުށަހަޅައި، ރިޕޯޓް ބަހުސްގެ މަރުހަލާ ނިންމައި ވޯޓަށް އަހާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ.