ސުޝާންތު ސިންގް ރާޖްޕުޓްގެ މަރާއެކު ހިލިގެން ދިޔަ ކަންތައްގަނޑުގައި އޭނާގެ ލޯބިވެރިޔާ ރިއާ ޗަކްރަބޯީ މިވަނީ މީޑިއާގެ ބޮޑު ޗަރުކޭސް ގަނޑެއްގައި ބެދިފަ އެވެ. މި ފާއިތުވެދިޔަ މަސްތަކުގައި ދަރިފުޅާމެދު ކަންތައް ވެގެން ދިޔަ ގޮތުން މަންމަ ސަންދްޔާ ޗަކްރަބޯޓީއަށް ވެސް ވަނީ ވަރަށް އަަސަރުކޮށްފަ އެވެ.
މީޑިއާތަކުގެ "ޝަރީއަތާއި" އެކު އެމީހުންގެ ދިރިއުޅުން އެފުށް މިފުށަށް ޖަހާލައިފި އެވެ. އަދި ހަމަޖެހިލައިގެން ސުޝާންތުގެ މަރުގެ ހިތާމަކުރުމުގެ ފުރުސަތެއް ވެސް އެއާއިލާއަށް ލިބިފައި ނުވެ އެވެ. އޭގެ ބަދަލުގައި ސުއެ މަރުގެ ތަހުގީގުގެ ތެރެއިން ފެންމަތިވި ޑްރަގް މައްސަލާގައި ސަންދްތާގެ ދެ ދަރިން ކަމަށްވާ ރިއާ އާއި ޝޯވިކް ވަނީ ނާކޮޓީކްސް ބިއުރޯއިން ހައްޔަރުކޮށްފަ އެވެ.
ބުދަ ދުވަހު ރިއާވަނީ ކަފާލާތުގެ ދަށުން މިނިވަންވެފަ އެވެ. މިނިވަން ވުމަށްފަހު ރިއާ މިހާރު ގެއަށް އައިއިރު އޭގެ ފަހުން ކަންތައް ވެގެންދިޔަ ގޮތް އޭނާގެ މަންމަ ސަންދްޔާ ވަނީ މީޑިއާއަކަށް ކިޔާދީފަ އެވެ. އެގޮތުން ގެއަށް އައިސް އެންމެ ފުރަތަމަ ރިއާ ސުވާލުކޮށްފައި ވަނީ އެންމެން ތިހާ ދެރަވެފައި ތި ތިބީ ކީއްވެގެން ތޯ އެވެ؟ އަދި ވަރުގަދަވެގެން މިކަމާ ކުރިމަތިލާން ޖެހޭ ކަމަށް އާއިލާ ގާތު ބުނެފައި ވެ އެވެ.
ސަންދްޔާ އިތުރަށް ބުނި ގޮތުގައި އޭނާގެ ދަރިފުޅަށް މި ދިމާވި ކަންތައްތަކުން އަރައިގަނެ އަލުން ދިރިއުޅުން ފެއްޓުމަށް ތެރަޕީ ބޭނުންވެ އެވެ.
"ރިއާ ޖަލުން މިނިވަން ވުމުން އުފާވޭ. އެހެން ނަމަވެސް އަދި މިކަމެއް ނުނިމޭ. އަހަރެންގެ ފިރިހެން ދަރިފުޅު އަދިވެސް ހުރީ ޖަލުގައި. މާދަމާ ވާނެ ގޮތެއް ނޭނގޭ." ސަންދްޔާ ބުންޏެވެ.
އިންޓަވިއު ނިންމާލަމުން ސަންދްޔާ ބުނެފައިވާ ގޮތުގައި އޭނާގެ ދަރިން ޖަލުގައި ތިބިކަން ހިތަށް އަރާފައި ނިދަން ވެސް އުނދަގޫވާ ކަމަށެވެ. އަދި ނުކެވި ރޭގަނޑު ވެސް އެތައް ފަހަރަކު ކަންބޮޑުވެ ބިރުގަނެ، ނިދިން ހޭލެވޭ ކަމަށެވެ.
"އަހަރެންގެ އާއިލާ އެއްކޮށް ހަލާކުކޮށްލައިފި. އެއްފަހަރު އަހަރެން ހިތަށް އެރި މި ކަމުން ސަލާމަތްވާން އަމިއްލައަށް މަރުވެދާނަމޭ ވެސް. އަހަރެންނަކީ ކުރިން މިކަހަލަ މީހެއް ނޫން. އަހަރެން މިހިރީ ތެރަޕީ ނަގައިގެން. މިހާރު އެކަހަލަ އިހުސާސްތައް ކުރެވުނަސް އަހަރެން ބޭނުންވަނީ އަހަރެންގެ ދަރިންނަށް ޓަކައި ހުންނަން. އެމީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭން." ސަންދްޔާ ބުންޏެވެ.