ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން މަޖިލީހުގެ ކޮމިޓީން ހިންގި ޕާލިމަންޓަރީ އިންކުއަރީ ރިޕޯޓު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

މަޖިލީހުން އިއްޔެ ނެރުނު އިންކުއަރީ ރިޕޯޓް ފާސްކުރުމަށް ރޭ 8:30 ގައި ފެށި ޖަލްސާ ނިމުނީ ފަތިހު 04:00 ހާއިރު އެވެ. 270 އަށް ވުރެ ގިނަ ސޮފްހާ އެކުލެވޭ މިރިޕޯޓަށް ހުރިހާ މެމްބަރުން ވަނީ ބަހުސް ކުރައްވާފަ އެވެ.

ރިޕޯޓު ރޭ ފަތިހު ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 58 މެމްބަރުންގެ އިއްތިފާގުންނެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް މުޅި މަޖިލިސް އިގުރާރުވެގެން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ (241) ކޮމިޓީން އިސްވެ ބަލާފައިވަނީ އެކަން ހިނގައިދިޔަ ގޮތާއި، އެކަމުގައި އިހުމާލުތަކެއްވެފައިވޭތޯ އާއި މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުންނެވެ.

މަޖިލީހުގެ 241 ކޮމެޓީއިން އެކުލަވާލި ރިޕޯޓުގައި ނަޝީދަށް ހަމަލާ ދިނުމުގެ ކުރިންނާއި ހަމަލާދިން ދުވަހު އަދި އޭގެ ފަހުން ކަން ހިނގާފައިވާ ގޮތުގެ ވަރަށް ތަފްސީލީ މައުލޫމާތު ވަނީ ހިމަނައިފަ އެވެ.

މީގެ ދެ މަހެއްހާ ދުވަސް ކުރިން ކޮމިޓީން އެ މަސައްކަތް ފަށައި، ކަމާބެހޭ އިދާރާތަކުގެ އިސް ބޭފުޅުން ހާޒިރުކޮށް ސުވާލުކުރަމުންދިޔައިރު، އެ ބޮޑު އިންކުއަރީ، ނިންމައި 241 ކޮމެޓީގެ އިއްތިފާގުން އެ ރިޕޯޓް ފާސްކޮށްފައިވަނީ މިދިޔަ ބުދަ ދުވަހު އެވެ.

އެ ބަހުސްގައި ވާހަކަ ދެއްކެވި ހުރިހާ މެމްބަރުން ވެސް ވަނީ އެ ރިޕޯޓު އެކުލަވާލުމުގައި ކޮމިޓީން ކުރި މަސައްކަތަށް ތައުރީފު ކުރައްވައިފަ އެވެ.

އަދި އެ ރިޕޯޓުން ސަރުކާރަށް ހުށަހެޅި 45 ރެކަމަންޑޭޝަނަށް ފުރިހަމައަށް އަމަލުކޮށް، ނަޝީދަށް ދެވުނު ފަދަ ހަމަލާއެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަވަސް ފިޔަވަޅުތައް އެޅުމަށް މެމްބަރުން ވަނީ ސަރުކާރަށް ގޮވާލައިފަ އެވެ.

ރިޕޯޓާއި ގުޅިގެން އަދި މިހާތަނަށް ސަރުކާރުން އެއްވެސް އެއްޗެއް ނުބުނެ އެވެ.

ދިރާސީ އާ އަހަރަށް ދާދިފަހުން ގެނައި ބަދަލާ އެއްގޮތް ކުރަން މަޖިލިސް ޗުއްޓީއަށް ދާ ދުވަސްތައް ވެސް ބަދަލުކުރުމާ ގުޅިގެން، މަޖިލީހުގެ ތިން ވަނަ ދައުރު ފެށޭނީ އަންނަ މަހުގެ 16 ވަނަ ދުވަހެވެ.