ކޮވިޑާ ގުޅިގެން ރާއްޖޭގެ އިގުތިސާދަށް ހީނަރުކަމެއް އައިސްފައިވާ ވަގުތެއްގައި ސަރުކާރުން ހިއްސާވާ ކުންފުނިތަކުގެ ވެރިންގެ މުސާރަ ބޮޑުކުރުމުން ޕީއެންސީގެ ނައިބު ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މުހައްމަދު ސައީދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ކުންފުނިތައް ގިންތިކޮށް ޕާފޯމަންސް ބަލަން ގެނައި ބަދަލާއެކު، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސްވެރިންގެ މުސާރަ ބޮޑުކޮށްފައިވާ އޮންލައިން ނޫހަކުން ލިޔެފައިވާ ލިޔުމެއް ހިއްސާ ކުރައްވަމުން ކުރީގެ އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވީ އާންމު މުވައްޒަފު މީހާގެ މުސާރައަށް ކުޑަވެސް ބަދަލެއް ނުގެނެސް، ވެރިންގެ މުސާރަ ބޮޑުކުރުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއް ކަމަށެވެ. މިހާލަތުގައި ސަރުކާރުން އަޅަ މިފަދަ ފިޔަވަޅުތަކުގެ ސަބަބުން ގެއްލުންވެގެންދާނީ ރާއްޖޭގެ އިގްތިސާދަށް ކަމަށް ސައީދު ވިދާޅުވި އެވެ.

"ރައީސް ސޯލިހުގެ ޒިންމާދާރު ވަރަށްކުޑަ. އެތައްހާސް މުވައްޒިފުން އެކި ދާއިރާތަކުގެ 50 އިންސައްތަ އާއި ހަމައަށް ނުލިބި ތިއްބާ ވެރިންގެ މުސާރަ ބޮޑުކުރަން މިއީ ކޮންވަގުތެއް؟ މުސާރަ ކަނޑާފައިވާ ކުންފުނި، ރިސޯޓް ތަކަށް ސަރުކާރުން ޓެކްސް ބްރޭކް! " ސައީދު ވިދާޅުވި އެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތައް ގިންތި ކުރުމާއި މެނޭޖިން ޑިރެކްޓަރުންނާއި ޗެއާމަން އަދި ބޯޑު މެންބަރުގެ އިނާޔަތްތައް ފިނޭންސް މިނިސްޓްރީން މުރާޖާ ކުރުމަށް ފަހު ކުންފުނިތަކަށް ފޮނުވި ލިޔުމުގައި ބުނެފައިވަނީ ސަރުކާރު ކުންފުނިތަކުގެ އެންމެ ދަށް ގިންތީގެ ކުންފުންޏެއްގެ އެމްޑީގެ މިހާރުގެ މުސާރަ އަށް އެވްރެޖުކޮށް 10،000 ރުފިޔާ އާއި 15،000 ރުފިޔާގެ ކުރިއެރުމެން އަންނާނެ ކަމަށެވެ.

އެމްޑީ / ޑީއެމްޑީގެ އަސާސީ މުސާރަ (ޔޫޓިލިޓީ / ޔޫޓިލިޓީ ނޫން ކުންފުނިތައް)

  • އޭ ކެޓަރީގެ ކުންފުނިތައް: އެމްޑީ، 52,260 ރުފިޔާ / ޑީއެމްޑީ، 41,808 ރުފިޔާ
  • ބީ ކެޓަގަރީގެ ކުންފުނިތައް: އެމްޑީ، 42,880 ރުފިޔާ / ޑީއެމްޑީ، 34,304 ރުފިޔާ
  • ސީ ކެޓަގަރީގެ ކުންފުނިތައް: އެމްޑީ، 34,304 ރުފިޔާ / ޑީއެމްޑީ، 27,443 ރުފިޔާ
  • ޑީ ކެޓަގަރީގެ ކުންފުނިތައް: އެމްޑީ، 33,000 ރުފިޔާ / ޑީއެމްޑީ، 26,000 ރުފިޔާ
  • އީ ކެޓަގަރީގެ ކުންފުނިތައް: އެމްޑީ، 27,443 ރުފިޔާ / ޑީއެމްޑީ، 21,955 ރުފިޔާ

ފިނޭންސް މިނިސްޓްރީން އަލަށް އެކުލަވާލި އުސޫލުގައި އިތުރަށް ބުނެފައި ވަނީ ބޯޑު މެމްބަރުންގެ އިނާޔާތްތައް ވެސް ދެން ދޭނީ އެއް އުސޫލެއްގެ ދަށުން ކަމަށެވެ. އަދި ކުންފުނިތަކުގެ ޕާފޯމަންސް އެއް އުސޫލަކުން ބެލުމުގެ ބަދަލުގައި، ކުންފުނިތައް ކެޓަގަރައިޒްކޮށް ޕާފޯމަންސް ބެލޭނެ ވަކި އުސޫލެއް ނުވަތަ މިންގަނޑެއް އޮތުމަކީ މުހިއްމު ކަމެއް ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.