ކޮވިޑް-19 އާ ގުޅިގެން އެޑްމިޓްކޮށްގެން ދެވޭ ފަރުވާތަކަށް ފައިސާ ދައްކަން ނުޖެހޭނެ ކަމަށް ސަރުކާރުގެ މައި ހޮސްޕިޓަލުން އައިޖީއެމްއެޗްއިން ބުނެފި އެވެ.

އައިޖީއެމްއެޗްއިން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ ކޮވިޑާއި ގުޅިގެން އެނދުމަތިކޮށް ދެވޭ ފަރުވާތަކަށް ދިވެހިން އަދި ބިދޭސީން ފައިސާ ދައްކަން ނުޖެހޭނެ ކަމަށެވެ.

އައިޖީއެމްއެޗްއިން މިހެން ބުނީ ކޮވިޑާ ގުޅިގެން އެނދުމަތިކޮށްފައިވާ ބިދޭސީއެއްގެ ބިލަށްއެރި ފައިސާ މާފުކޮށްދީފައިވާ ކަމަށް ސޯޝަލް މީޑިއާގައި ދެކެވެމުންދާ ވާހަކަތަކާ ގުޅިގެންނެވެ.

ކޮވިޑްގައި ހާލު ސީރިއަސްވެ، އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނަ ބަންގްލަދޭޝް އަންހެނަކާއި، އޭނާގެ ބަނޑަށް ހަތްމަހުގައި ނަގަން ޖެހުނު ދަރިފުޅުގެ ހޮސްޕިޓަލް ބިލަށް ތިން ލައްކައެއްހާ ރުފިޔާ އަރާފައިވާ ކަމަށާއި، ބިލަށް އަރާފައިވާ ފައިސާ އައިޖީއެމްއެޗުން މަޢާފުކޮށްދީފައިވާ ކަމަށް ބައެއް މީޑިއާތަކުގައި ވަނީ ރިޕޯޓްކޮށްފަ އެވެ.

މީގެ އިތުރުން ސަރުކާރުން ދަނީ ކޮވިޑުން ދިފާއުވުމަށް ޖަހާ ވެކްސިން ވެސް ރާއްޖޭގައި ދިރިއުޅޭ ބޭރުގެ ފަރާތްތަކަށް ވެސް ހިލޭ ޖަހައިދެމުންނެވެ.