ކުރީގެ ރައީސް އަބްދުﷲ ޔާމީން ފުލުހުންގެ އިދާރާއަށް މިއަދު ހާޒިރުކުރުމަށް އެންގުމުން ފެންނިގެންދަނީ ގާނޫނީ އިދާރާތަކުގެ މައްޗަށް އޮތް ނުރަގަޅު ނުފޫޒު ކަމަށް ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް ޔާމީންގެ ގާނޫނީ ޓީމުގައިވެސް ހިމެނޭ ޑރ. ޖަމީލް މިއަދު ކުރެއްވި ޓުވީޓްގައި ވިދާޅުވީ ރައީސް ޔާމީން މިއަދު ފުލުހުން އިދާރާއަށް ހާޒިރު ކުރުމަށް އަންގަވާފައިވާ ކަމަށެވެ. މިކަމުން ވެސް ސަރުކާރުގެ އިދާރާތަކަށް ސިޔާސީ ނުފޫޒު ފޯރާފައިވާ މިންވަރު ދޭހަ ވާކަމަށްވެސް ޑރ. ޖަމީލް ވިދާޅުވި އެވެ.
ޑރ. ޖަމީލް ތުހުމަތުކުރެއްވި ގޮތުގައި އެމްއެމްޕީއާރުސީއާ ގުޅުވައިގެން ރައީސް ޔާމީން ފުލުހަށް ހާޒިރުކޮށް ތަހުގީގު ހިންގަނީ އެ މައްސަލަ ތަހުގީގުކުރަން ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު އުފެއްދެވި ރިޔާސީ ކޮމިޝަނުގެ މަސައްކަތް ކޮޅެއް މެދެއްގައި ނުޖެހިގެން ކަަމަށެވެ.
ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ މެންބަރުން އެއް ބަޔަކު އަނެއްބަޔަކަށް ބަހުގެ ހަމަލާތައް ރައްދުކޮށް ރައީސް ސޯލިހުގެ އިސްތިއުފާއަށް ގޮވައިލި މައްސަލައަށް އިޝާރާތް ކުރައްވަމުން ޑރ. ޖަމީލް ވިދާޅުވީ މަޖިލީހުން ފެންނަމުންދަނީ އެމްޑީޕީގެ ހަގީގީ ސިފަ ކަމަށެވެ. އަދި އެމްޑީޕީން ކުރަނީ މުޅިން ވެސް ބޭކާރު ބަހުސްތައް ކަމަށާއި، ކުރިއަށް ނެރެނީ ޒާތީ އެޖެންޑާތަކެއް ކަމަށް ޑރ. ޖަމީލް ތުހުމަތުކުރެއްވި އެވެ. އަދި ސަރުކާރުގެ ތެރެއިން ފާޅުގައި ކޮރަޕްޝަން ހިންގާ ކަމަށް ވެސް އެ މަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.
ކުރީގެ ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރު ކުރީ މިއަދު މެންދުރު 2:00 ގަ އެވެ.