ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން މަޖިލީހުގެ 241 ކޮމެޓީއިން ކުރިއަށް ގެންދިޔަ އިންކުއަރީއާ ގުޅިގެން ތައްޔާރުކުރި ރިޕޯޓުގައިވާ ކަންތައްތައް ބަލަމުން އަންނަ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ރައީސް ނަޝީދަށް އަމާޒުކޮށްގެން ދިން ހަމަލާއާ ގުޅިގެން މަޖިލީހުގެ 241 ކޮމިޓީން ތައްޔާރު ކުރި ރިޕޯޓް މިދިޔަ ބުރާސްފަތި ދުވަހު އާންމުކޮށްފައިވާއިރު އެރިޕޯޓް މަޖިލީހުން ފާސްކުރީ އެރޭ ފަތިހު އެވެ.
އެ ރިޕޯޓާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން އެކުލަވާލާފައިވާ އިންކުއަރީގެ ރިޕޯޓް ރަސްމީކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން އަދި ހިއްސާ ނުކުރާ ކަމަށެވެ. ނަމަވެސް އެ ރިޕޯޓް ކަމާގުޅޭ އިދާރާތަކުން ދިރާސާ ކުރަން ފަށާފައިވާ ކަމަށް މަބްރޫކް ވިދާޅުވި އެވެ.
ރައީސް ނަޝީދު ދިރިއުޅުއްވާ ގެކޮޅު ކައިރިން މިދިޔަ މޭ މަހުގެ ހަ ވަނަ ދުވަހުގެ ރޭ ދިން ހަމަލާއާ ގުޅިގެން ތައްޔާރުކުރި ރިޕޯޓްގައި ރައީސް ނަޝީދުގެ ސެކިއުރިޓީއާ ގުޅޭ ގިނަ މައުލޫމާތުތަކެއް ވަނީ ހިމަނާފަ އެވެ. އަދި ގައުމީ ސަލާމަތާ ގުޅުންހުރި މައުލޫމާތުތަކެއް ހިމަނާފައިވާއިރު އެމައުލޫމާތު މަޖިލީހުން ވަނީ ސިއްރު ކޮށްފަ އެވެ. ނަމަވެސް އެ މައުލޫމާތުތައް ދަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ.
241 ކޮމެޓީއިން އެކުލަވާލި 271 ސޮފްހާގެ ރިޕޯޓްގައި އިންޓެލިޖެންސް މައުލޫމާތު އެއްކުރާ ގޮތާއި ގެންގުޅޭ ގޮތާއި ހިއްސާ ކުރުމުގައި ގެންގުޅޭ ގޮތްތައް އަދި ހަރުކަށި ފިކުރު ފެތުރުމާ ދެކޮޅަށް ދައުލަތުން ކުރާ މަސައްކަތްތައް ވެސް ވަނީ ދިރާސާކޮށްފަ އެވެ.
އެ އިންކުއަރީ އަށް މައުލޫމާތު ދެމުން އެމްއެންޑީއެފުން ތަކުރާރުކޮށް ބުނެފައިވަނީ އެ ރޭ ހަމަލާދިނުމާ ގުޅޭ "ސްޕެސިފިކް" މައުލޫމާތެއް ނުވަތަ އިންޓެލިޖެންސް މައުލޫމާތެއް އެ މުއައްސަސާ އަށް ނުލިބޭ ކަމަށެވެ. ނަމަވެސް އެފަދަ ހަމަލާއެއް ދީފާނެ ކަމުގެ އިޝާރާތެއް ލިބިފައި ނެތް ކަމަށް 241 ކޮމިޓީން ގަބޫލު ނުކުރާ ކަމަށް އެ ރިޕޯޓްގައި ބުނެފައިވެ އެވެ.
މީގެ އިތުރުން ނަޝީދަށް ހަމަލާ ދޭން އުޅޭ ކަމުގެ މައުލޫމާތު ހުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިލްޔާސް ލަބީބު، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އަށް ދިނުމުން އެކަށީގެންވާ ފިޔަވަޅެއް ނާޅާކަން އެ ރިޕޯޓުން އެނގެ އެވެ. އެކަމުގެ ދިފާއުގައި މާރިޔާ ވިދާޅުވެފައި ވަނީ އެއީ ފޯނު ކޯލެއް ކަމަށާއި މައުލޫމާތެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.
އެ މައްސަލާގައި މިނިސްޓަރު މާރިޔާ އިސްތިއުފާ ދިނުމަށް ގިނަ ފަރާތްތަކުން އަންނަނީ ގޮވާލަމުންނެވެ. އަދި މިނިސްޓަރު މާރިޔާ އެންމެ ރަނގަޅަށް ޒިންމާ ނުނަގާ ކަމަށާއި އެހަމަލާ އާ ގުޅިގެން އިހުމާލުވެފައިވާ އިސް ފަރާތްތައް ވަގުތުން އިސްތިއުފާ ދޭން ޖެހޭ ކަމަށްވެސް ގިނަ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.