މާލޭ ދަފްތަރުގައި ޖެހިފައިތިބި މީހުންގެ ތެރެއިން، ސަރުކާރުގެ ގެދޮރުވެރިކަމުގެ މަޝްރޫއަކުން ފްލެޓް ނުވަތަ ގޯތި ލިބިފައިހުރި ފަރާތްތައް ދަފްތަރުން އުނިކުރުމަށް މަސައްކަތް ވަރަށް އަވަހަށް ފެށުމަށް ހަމަޖެހިފައިވާ ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މޭޔަރު ޑރ. މުއިއްޒު ކުރެއްވި ޓުވީޓްގައި ވިދާޅުވީ މާލޭ ދަފުތަރުގައި ޖެހިފައިތިބި މީހުންގެ ތެރެއިން ސަރުކާރުގެ ގެދޮރުވެރިކަމުގެ މަޝްރޫއަކުން ފްލެޓް ނުވަތަ ގޯތި ލިބިފައިވާ ފަރާތްތައް ދަފުތަރުން އުނިކުރުމަށް މާލޭ ސިޓީ ކައުންސިލަށް މައުލޫމާތު ހުށަހަޅަން ހުޅުވާލަން ނިންމާފައިވާ ކަމަށެވެ. އަދި މައިމުޅަވެފައިވާ ފަރާތްތައް ދެނެގަތުމަށް އެފަރާތްތަކުން މަޢުލޫމާތު ހިއްސާކުރުމަށް ކައުންސިލުން ހުޅުވާލުމަށް ވަނީ ނިންމާފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ސަރުކާރުގެ މަޝްރޫއުއަކުން ގޯތި ލިބުނު ފަރާތްތަށް މާލޭގެ ދަފްތަރުން އުނިކުރުމަށް ނިންމާފައި ވާއިރު، މާލޭ ދަފްތަރުގައި ޖެއްސުން ވެސް ސިޓީ ކައުންސިލުން މިހާރު ވަނީ މެދުކަނޑާލާފަ އެވެ.
ދަފްތަރުގައި ޖެއްސުން މެދުކަނޑާލާފައި ވަނީ މިހާރު ދަފްތަރުގައި ޖެހިފައި ތިބި މީހުންގެ ތެރެއިން ބޯހިޔާވަހިކަން ނުލިބޭ ފަރާތްތަކުގެ މައްސަލަ ހައްލު ކުރެވޭނެ މަގުޗާޓެއް ސަރުކާރާ މަޝްވަރާކޮށްގެން އެކުލަވާލެވި، ދަފްތަރުގައި ޖެއްސުމާ ގުޅޭ އުސޫލުތައް ހަރުދަނާ ކުރެވެންދެން ކަމަށް ޑރ. މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
މާލެ ދަފުތަރުގައި ޖެހުން ވަގުތީ ގޮތުން ހުއްޓާލާފައިވާއިރު، މިހާރު ދަފުތަރުގައި ޖެހިފައިވާ މީހުންގެ އަދަދު 17،000 އާ ގާތްކުރެ އެވެ.