ވިއްސާރަ މޫސުމަކީ އަހަރެމެންގެ ދިރިއުޅުމަށް ގިނަ ބަދަލުތަކެއް އަންނަ ދުވަސްވަރެކެވެ.

މި މޫސުމުގައި އާއްމު ދިރިއުޅުމުގެ ކަންކަންކޮށް އުޅޭ ގޮތްތަކަށް ގިނަ ބަދަލުތަކެއް އަންނަކަން އެންމެންނަށް ވެސް އެނގެ އެވެ. އެހެން ނަމަވެސް ވިއްސާރައަކީ އެކަމުގެ ސަބަބުން އަހަރެމެންގެ އުޅުމާއި މިޒާޖަށް ވެސް ގިނަ ބަދަލުތަކެއް އަންނަ ކަމެއްކަން އެނގޭނެ މީހަކު މަދުވާނެ އެވެ.

އެމެރިކާގައި ހެދުނު ދިރާސާތަކުން ދައްކާ ގޮތުގައި ވިއްސާރަ ދުވަސްވަރު އިންސާނުންގެ އުޅުމަށް ބޮޑު ބަދަލުތަކެއް އާދެ އެވެ. މިބަދަލުތަކަކީ ވިއްސާރައިގެ ސަބަބުން އިންސާނާގެ ސިކުނޑިއަށްކުރާ އަސަރުތަކުގެ ސަބަބުން އަންނަ ބަދަލުތަކެއް ކަމަށް ވެސް އެ ދިރާސާގައި ބުނެފައިވެ އެވެ.

އެގޮތުން ވިއްސާރައިގެ ސަބަބުން ހަށިގަނޑުގައި އުފެދޭ މެލަޓޮނިން ހޯމޯން ގިނަވެ، ނިދިއައުން ފަސޭހަވެ އެވެ. ނަތީޖާއަކަށް ވަނީ އެންމެ ނިދި މަދު މީހާ ވެސް ވިއްސާރަ މޫސުމުގައި ނިދުން ގިނަވުމެވެ.

މީގެ އިތުރުން ވާރޭގެ އަޑަކީ އެންމެންނަށް ވެސް އަރާމު އަޑެކެވެ. އެއަޑަކާއެކު ނިދާލުމަށް ވެސް ފަސޭހަވެ އެވެ. އެހެން ކަމަށްވުމާއެކު ވެސް ނިދުން އިތުރުވެ އެވެ.

2015 ވަނަ އަހަރު ހެދުނު ދިރާސާއަކުން ދައްކާ ގޮތުގައި ވިއްސާރަ މޫސުމުގައި އެމެރިކާގައި ކުށްތައް ރެކޯޑުކުރެވޭ މިންވަރު މަދުވެ އެވެ. މިކަމުގައި ސައިކޮލޮޖިސްޓުން ގަބޫލު ކުރަނީ ވާރޭގެ ސަބަބުން އެހެން ގޮތެއް ނެތިގެން ނޫނީ ވައްކަންކުރުމާއި ފޭރެން ބޭރަށް ނުކުންނަން މީހުން ބޭނުން ނުވާ ކަމަށެވެ.

މީގެ އިތުރުން ވިއްސާރަ ދުވަސްވަރު ހަށގަނޑަށް އަވި ލިބުން މަދުވުމުގެ ސަބަބުން ބަނޑުހައިވުން އިތުރުކޮށްދޭ ސެރޮޓޮނައިން ހޯމޯން ހަށިގަނޑުގައި ގިނަވެ ކާހިތްވުން އިތުރު ކޮށްދެ އެވެ.

ކޮންމެއަކަސް ވާރޭއަކީ އިންސާނާގެ މިޒާޖަށް ގިނަ ބަދަލުތަކެއް އަންނަ މޫސުމެއްކަން ސައިންސުން ސާބިތުކޮށްދީފި އެވެ. މި ދުވަސްވަރަކީ ރާއްޖޭގެ ހުޅަނގު މޫސުމުގެ ދުވަސްވަރުކަމުން މި ބަދަލުތައް އަހަރެމެންގެ ފަރާތުން ފެނޭތޯ ވެސް ބަލާލުން ރަނގަޅުވާނެ އެވެ.