ބާލިން (15 ޖުލައި) - ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ޖަރުމަނުގެ 44 މީހުން މަރުވެ، އެތައް ބަޔަކު ގެއްލިފައިވާ ކަމަށާއި އާއްމުންގެ ގެދޮރާއި މުދަލަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެ ގައުމުގެ މީޑިއާތަކުން ބުނެފި އެވެ.

ހުއްޓުމެއްނެތި ވާރޭ ވެހުމުގެ ސަބަބުން ކޯރުތައް ފުރި ބަންޑުންވަމުންދާއިރު އެކަމުގެ ސަބަބުން އާއްމުންނަށް ގިނަ ދަތިތަކަކާ ކުރިމަތިލާން ވަނީ ޖެހިފަ އެވެ. އެގޮތުން އަހްރެވެއިލާ އޭ ކިޔުނު ސަރަހައްދުގެ އަހްރު ނަމަކަށް ކިޔުނު ކޯރުފުރި ބަންޑުންވުމުގެ ސަބަބުން 18 މީހަކު މަރުވެ، ގޯތި ގެދޮރަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފަ އެވެ.

މީގެ އިތުރުން ބިންގަނޑު ކަނޑައިގެން ގޮސް ޖަރުމަނުގެ މަގުތަކާއި އެހެނިހެން އުމްރާނީ ބިނާތައް ވަނީ މަރާމާތު ކުރަންޖެހޭ ވަރަށް ހަލާކުވެފަ އެވެ.

އެ ގައުމުގެ އިދާރާތަކުން ބުނާގޮތުގައި މި ވިއްސާރައަކީ ފާއިތުވި ގަރުނުގެ ތެރޭގައި ވެސް އެ ގައުމަށް ކުރިމަތިވި އެންމެ ބޮޑު ފެންބޮޑުވުމުގެ ހާދިސާ ކަމަށެވެ. އަދި މި ހާދިސާގައި ލިބުނު ގެއްލުންތަކުގެ އަގު ބިލިއަނުން ގުނާލެވޭނެ ކަމަށް ވެސް އެ އިދާރާތަކުން ލަފާކުރެ އެވެ.

ޖަރުމަނުގެ އިތުރުން ހުޅަނގު ޔޫރަޕްގެ އެހެން ގައުމުތަކަށް ވެސް ވަނީ މި ވިއްސާރައިގެ އަސަރުކޮށްފަ އެވެ. އެގޮތުން ބެލްޖިއަމަށް ވެހުނު ވާރޭގައި ދެ ފިރިިހެނަކު މަރުވެފައިވާއިރު 15 އަހަރުގެ އަންހެން ކުއްޖަކު ވަނީ ކޯރަކަށް ދަމައިގަނެ ވީ ނުވީއެއް ނޭނގި ގެއްލިފަ އެވެ.

މޫސުމާބެހޭ ތަޖުރިބާކާރުން ލަފާކުރާގޮތުގައި ކުރިއަށް އޮތް ދެ ދުވަހު ވެސް ޖަރުމަނަށާއި ހުޅަނގު ޔޫރަޕްގެ އެކި ގައުމުތަކަށް ކެރީގެ އަސަރު ފޯރާނެ އެވެ. އެހެންކަމުން މޫސުމަށް ސަމާލުވެ ތިބުމަށް ޖަރުމަނުގެ މޫސުމާ ބެހޭ އިދާރާއިން ވަނީ އާއްމުންނަށް އިލްތިމާސް ކޮށްފަ އެވެ. -- ދަ ސްޓްރެއިޓްސް ޓައިމްސް