ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ "ނަފުރަތު" ބިލު ފާސްކުރުމަށް އެމްޑީޕީގެ ލީޑަޝިޕުން އެއްބާރުލުން ނުލިބޭނެ ނަމަ ސަރުކާރަށް ތާއީދުކުރަން އުނދަގޫ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ގާނޫނުލްއުބާތަށް ބަދަލު ގެންނަން ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ހުށަހެޅި "ނަފްރަތު" ބިލާ ގުޅިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިނގިރޭސި ބަހުން ނެރެފައިވާ ބަޔާނުގައި ވިދާޅުވީ އެ ޕާޓީން ގަބޫލުކުރާ އެންމެ އަސާސީ ސިފަތައް ތަންފީޒުކުރުމުގެ ހިތްވަރު އެމްޑީޕީގެ ލީޑަޝިޕްގެ ތެރޭގައި އޮންނަންވާނެ ކަމަށެވެ. އަދި ސަރުކާރުން ނަފްރަތުގެ ބިލު ފާސްކުރުމަށް ތާއީދު ނުދައްކާ ނަމަ، މި ސަރުކާރަށް ތާއީދުކުރަން އުނދަގޫވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

"އެ މީހަކީ ކާފަރެއްކަމަށް ކަނޑައެޅުމަށް ފަހު ދެން އޮންނަނީ މަރުގެ އަދަބު ދިނުން. އެކަން ތަންފީޒުކުރަނީ ހަރުކަށި ޖިހާދީ ފިކުރުގެ މީހުން. މިގޮތަށް ޑރ. އަފްރާޝީމްއާއި ރިލްވާން އަދި ޔާމީނު މަރައިލީ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެންމެ ގާތް ރަހުމަތްތެރިޔާ ނަޝީދު ވަނީ މިދިޔަ ހަފުތާގައި ސިޔާސީ ގޮތުން ރައީސް ސޯލިހާއެކު މަސައްކަތް ކުރެވެން ނެތް ކަމަށް ވިދާޅުވެފަ އެވެ. އަދި އިދިކޮޅު ލީޑަރު ކުރީގެ ރައީސް އަބުދުﷲ ޔާމީންގެ އެހީތެރިކަން ހޯދަން ޖެހިދާނެ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ނަޝީދު އާއި ރައީސް ސޯލިހާ ދެމެދު ހިޔާލު ތަފާތުވެފައިވަނީ ނަފްރަތު ބިލާ މެދުގައި އެވެ. އަދި ސަރުކާރުގެ ތެރެއިން ކުރީގެ ރައީސް ނަޝީދު ބޭނުންވާ ގޮތަށް އަމަލު ކުރަމުންނުދާތީ ވެސް އެކަމާ އެމަނިކުފާނު ހިތްހަމަނުޖެހުން ފާޅުކުރައްވާފަ އެވެ.

ގިނަ ބަޔަކު ފާޑުކިޔުންތަކެއް އަމާޒުވުމުގެ ސަބަބުން މަޖިލީހުން އަލުން ވަނީ އެބިލު ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުއްވާފަ އެވެ.

ރައީސް ސޯލިހު ސަރުކާރުގެ މައި ޕާޓީ އެމްޑީޕީ ފިޔަވައި އެހެން ހުރިހާ ޕާޓީއަކުން ވަނީ މިބިލާ ދެކޮޅަށް ފާޑުކިޔާފަ އެވެ.

ކުރީގެ ރައީސް ނަޝީދުގެ ބަޔާނުގައި އިތުރަށް ވިދާޅުވެފައި ވަނީ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީއިން ނަފްރަތު ބިލާ ދެކޮޅަށް ނިކުތުމުން ސަރުކާރުން ވެސް އެބިލާ ދެކޮޅުވެފައިވާ ކަމަށެވެ. އަދި ކޯލިޝަންގެ އެހީތެރިކަމާ އެކު، މި ސަރުކާރަށް ވެރިކަން ލިބުނަސް ރައީސް ސޯލިހުގެ ކޮންމެ ނިންމެވުމެއް ބިނާވެފައި ވަނީ އެ ކޯލިޝަންގައި ކުޑަ ހިއްސާއެއް އޮންނަ އަދާލަތު ޕާޓީގެ ބަހާއެކު ކަމަށާއި އެއީ ސަރުކާރު ކޯލިޝަންގެ އެއްބަސްވުމާ ހިލާފުކަމެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ، ގިނަ ދިވެހިންނަކީ ތަހުޒީބު ބައެއް ކަމަށާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި މިއުޒިކާއި ސަގާފަތް، އިގްތިސޯދު އަދި މެދުމިނުގެ ދީނީ ކަންކަމަށް ލޯބިކުރާ ބައެއް ކަމަށެވެ. އެ މަނިކުފާނު ވިދާޅުވިގޮތުގައި، ދިވެހިން ވޯޓު ދިނީ ހަރުކަށި ވިސްނުމުގެ މީހުންގެ ބަދަލުގައި މެދުމިނުގެ ވިސްނުމަށެވެ.

އަދާލަތު ޕާޓީއަކީ "ކުޑަ ހިއްސާ"އެއް އަދި މާ ބޮޑު ޕާޓީއެއް ނޫން ކަމަށް ދޭހަވާ ގޮތަށް ނަޝީދު ވިދާޅުވިއިރު، އެ މަނިކުފާނު އިސްވެ މީގެ ކުރިން އެތައް ފަހަރަކު އެ ޕާޓީ އާއި އެމްޑީޕީ ގާތްކޮށް، ކޯލިޝަން ހެދުމަށް މަސައްކަތް ކުރެއްވި އެވެ.

ނަޝީދު ރާއްޖޭގައި ވެރިކަން ކުރެއްވި ތިން އަހަރު ވެސް ވެރިކަމަށް ވަޑައިގެންނެވުނީ އަދާލަތު ޕާޓީގެ އެހީތެރިކަމާއެކު އެވެ. އަދި އެންމެ ފަހުގެ ރިޔާސީ އިންތިހާބުގައި ވެސް އެމްޑީޕީގެ ބޮޑު ހިއްސާއެއް އޮތް މިހާރުގެ ކޯލިޝަނަށް ވެރިކަމަށް އާދެވުނީ ވެސް އަދާލަތު ޕާޓީގެ ބުރަ މަސައްކަތުންނެވެ.