ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ކުރީގެ ސަރުކާރުން ތަރައްގީކުރި ހިޔާ ފްލެޓްތައް ލިބުނު ފަރާތްތަކަށް ދެން ހަވާލުކުރުމުގެ އެއްބަސްވުމުގައި ދެން ސޮއިކުރާނީ އީދު ބަންދަށްފަހު ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން މިއަދު ބުނެފި އެވެ.

އެ ކުންފުނިން ވަނީ މިދިޔަ ބުދަ ދުވަހުން ފެށިގެން ހިޔާ ފްލެޓް ލިބުނު ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ފަށައިފަ އެވެ.

އެޗްޑީސީން ބުނީ އީދު ބަންދަށްފަހު ސޮއިކުރުމުގެ މަސައްކަތް އަންނަ ހޮނިހިރު ދުވަހު ފަށާއިރު، އެ ދުވަހު ސޮއިކުރުމުގެ މަސައްކަތް ކުރިއަށްދާނީ އެޗް 16 ޓަވަރުން ފްލެޓް ލިބުނު ފަރާތްތަކާއެކު ކަމަށެވެ.

ސަރުކާރު ބަންދު ނޫން ދުވަސްތަކުގައި އެކި ދުވަސްތަކަށް ބަހާލައިގެން އެކި ޓަވަރުތަކުގެ އެއްބަސްވުންތައް އެކުލަވާލުމުގެ މަސައްކަތް އެޗްޑީސީން ކުރަމުންދާނެ ގޮތުގެ ތަފްސީލު އެއެ ކުންފުނިން މިހާރު ވަނީ އާއްމުކޮށްފަ އެވެ. މީގެ ދަށުން އަންނަ އޯގަސްޓް މަހުގެ 15 ވަނަ ދުވަހާ ހަމައަށް ހުރިހާ ޓަވަރެއްގައި ހުރި ފްލެޓުތައް ލިބުނު މީހުންނާ އެ ފްލެޓްތައް ހަވާލުކޮށް ނިންމާލެވޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.

އެކުންފުނިން ބުނީ އެކި ސަބަބުތަކަށްޓަކައި އެއްބަސްވުމުގައި ސޮއިކުރަން ނާދެވޭ ފަރާތްތަކަށް ޚާއްސަ އުސޫލެއްގެ ދަށުން އެ ފުރުސަތު ފަހިކޮށްދީ އެކަން އަންގާނެ ކަމަށެވެ.

ހިޔާ މަޝްރޫޢުގެ ފްލެޓުތައް ޙަވާލުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު އެތަންތަނަށް ކަރަންޓު ގުޅުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. އަދި ހިޔާ ފްލެޓްތަކަށް ފެނާއި ނަރުދަމާ ކަނެކްޝަންތައް މިހާރު ވަނީ ގުޅައި ނިމިފަ އެވެ.

ހިޔާ ފެލެޓް ލިބުނު ފަރާތްތަކަށް އެތަނުގެ ފިނިޝިން މަސައްކަތް ކުރުމަށް އެޗްޑީސީން ވަނީ ތިން މަސް ދުވަހުގެ މުހުލަތެއް ދީފަ އެވެ.