އަޅުކަމާއި އެހެނިހެން ދިރިއުޅުމުގެ ކަންކަން ފުއްދުމުގައި ވެސް އިޙްސާންތެރިވުމަށް މިއަދު ޙައްޖުގެ ހުތުބާގައި ގޮވާލައްވައިފި އެވެ.

ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ޢަރަފާތުގެ މާތްބިމަށް އެއްވެ ތިބި ފަސްދޮޅަސް ހާސްމީހުންނަށް މަސްޖިދުއް ނަމިރާގައި ޚުތުބާ އިއްވަވަމުން ޝެއިޚް ބަންދަރު ބަލީލާޙް ވަނީ މާތްﷲއަށް އަޅުކަން ކުރުމުގައި އިޙްސާންތެރިކަމާއެކު ކުރުމަށް ހުރިހާ މުސްލިމުންނަށް ހަނދާކޮށްދެއްވާފަ އެވެ. އެގޮތުން ދީނުގެ ރުކުންތަކުގެ ތެރޭގައި ހިމެނޭ ނަމާދު ކުރުމާއި ޒަކާތްދިނުމާއި ރޯދަ ހިފުމާއި ޙައްޖުގެ އަޅުކަން އަދާކުރުމުގައި ﷲއަށް އިޙްސާންތެރިވުމަށް ޚުތުބާގައި ވަނީ ގޮވާލައްވާފަ އެވެ.

މާތްﷲ އިންސާނުންނަށް ގުނާ އަދަދު ނުކުރެވޭހާ ނިއުމަތް ދެއްވިކަން ފާހަގަ ކުރައްވައި، އެ ނިއުމަތްތައް ދެއްވެވީ އޅުތަކުންގެ ތެރެއިން އެންމެ އިޙްސާންތެރިވަނީ ކޮންބައެއްތޯ ބެލެއްވުމަށް ކަމަށް ކީރިތި ގުރުއާނުގައި ﷲ ބަޔާން ކުރައްވާ ކަމަށް ޙައްޖުގެ ހުތުބާގައި ވިދާޅުވި އެވެ. އަދި އިންސާނާ އެންމެ ފުރިހަމަ ސިފައެއްގައި އުފައްދަވާ އެތައް ނިޢުމަތްތަކެއް އެ އިންސާނާއަށްޓަކައި މާތްﷲ ތަނަވަސްކޮށްދެއްވުމުން އެއިލާހަށް އިޙްސާންތެރިނުވާންވީ ކީއްވެތޯ ޚަޠީބުވަނީ އިސްލާމި އުއްމަތާ ސުވާލުކުރައްވާފަ އެވެ.

ހައްޖުވެރިން އަރަފާތު ބިމުގައި: ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން މި އަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީން ފުރުސަތު ދީފައި ވަނީ ސައުދީގައި އުޅޭ 60،000 މީހުންނަށް. ފޮޓޯ: އަލްހަރަމައިން

ޙައްޖުގެ ހުތުބާގައި އިތުރަށް ވިދާޅުވެފައިވަނީ ﷲ ޚަލްޤުކުރެއްވި އެންމެ މާތް ފަރާތަކީ އިންސާނާ ކަމަށާއި އެއިންސާނާގެ ކިބައިން އެ އިލާހުގެ އެހެނިހެން ޚަލްޤުތަކަށް އިޙްސާންތެރިވުމަށް އަންގަވާ އަޙްދުކުރައްވާފައިވާ ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ އިޙްސާންތެރިކޮށް ހިތަންޖެހެނީ އެ މީހެއްގެ މައިންބަފައިންނަށް ކަމަށާއި އޭގެ ފަހުގައި ފަގީރުންނާއި މިސްކީނުންނާއި ޔަތީމުންނަށް އިޙްސާންތެރިވުމަށްވަނީ ހަނދާންކޮށްދެއްވާފަ އެވެ. އަދި އެމީހަކާއެކު މަސައްކަތްކުރާ މީހުންނާއި އެމީހެއްގެ ދަށުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ﷲ ހެއްދެވި ޖަނަވާރުންނަށްވެސް އިޙްސާންތެރިކޮށް ހިތުމަށްވަނީ ހަނދާންކޮށްދީފަ އެވެ.

ޙައްޖުގެ އަޅުކަން އަދާކުރުމަށް ހައްޖުވެރިން އަރަފާތު ބިމުގައި ދުއާ ކުރުމާއި ގުރުއާން ކިޔެވުމުގައި. ކޮވިޑާ ގުޅިގެން މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ލިބިގެން ގޮސްފައިވަނީ ސައުދީގައި ދިރިއުޅޭ 60،000 މީހުންނަށް. ފޮޓޯ: އަލްހަރަމައިން

އިޙްސާންތެރިވުމަށް އިސްލާމްދީނުގައި ބާރުއަޅުއްވާ މިންވަރު ބަޔާން ކޮށްދެއްވަމުން ހުތުބާގައި ވިދާޅުވީ ޢަދާވަތްތެރިވެފައިވާ ދެ މީހެއް ކަމުގައިވީ ނަމަވެސް އެ ދެ މީހުން ވެސް އެކަކު އަނެކަކަށް އިޙްސާންތެރިވުމަށް ދީނުގައި ބަޔާން ކުރައްވާފައިވާ ކަމަށެވެ. އަދި މުދާ ހޭދަކުރުމުގައި އިޙްސާންތެރިވުމަށާއި ދަރަނިއަށް އެދި އެކަމަށް ބޭނުންޖެހިފައިވާ މީހާއަށް ދަރަނި ދިނުމާއި މީހުންނާއި ރިވެތި ބަހުން މުޢާމަލާތު ކުރުމަކީ ވެސް މީގެ ތެރޭގައި ހިމެނޭ ކަންކަމުގެ ގޮތުގައި ޚުތުބާގައި ވަނީ ފާހަގަކުރައްވާފަ އެވެ.

މީގެ އިތުރުން ޙައްޖުގެ މަތިވެރިކަމާއި ޙައްޖުން ލިބިދޭ މަތިވެރި ޢިބުރަތްތަކާއި ފިލާވަޅުތަކުގެ މަތިން ވެސް ޚުތުބާގައި ވަނީ ހަނދާންކޮށްދީފަ އެވެ.