އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރާ ދެކޮޅަށް ތެދުވުމުގައި ދެއްކި ވާހަކަތަކަށް ތާއީދުކޮށް އެޕާޓީގެ މާލެ ހަތަރު ދާއިރާއަކުން ތާއީދުކުރާކަން ހާމަކޮށްފި އެވެ.

ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ މިހާރު މަޖިލީހަށް ހުށަހަޅާފައިވާ "ނަފްރަތު" ބިލު ފާސްކުރުމުގައި ރައީސް ސޯލިހުގެ ސަރުކާރުން ހަފަތު ފަޔަށް ބުރަވާނަމަ ސަރުކާރަށް ކުރަމުން ގެންދިޔަ ތާއީދު އަބުރާ ގެންދަން ޖެހިދާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ. އަދި އެމްޑީޕީގެ އުސޫލުތައް ދޫކޮށްނުލުމަށް ރައީސް ނަޝީދު ވަނީ ސަރުކާރަށް ގޮވާލައްވާފަ އެވެ.

އެމްޑީޕީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަތަކަށް ތާއީދުކޮށް ބަޔާން ނެރެފައިވަނީ އެ ޕާޓީގެ ގަލޮޅު ދެކުނު ދާއިރާ އާއި ވިލިމާލެ ދާއިރާ އާއި ހެންވޭރު ހުޅަނގު ދާއިރާ އާއި މާފަންނު އުތުރު ދާއިރާއިނެވެ.

މި ހަތަރު ދާއިރާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ސަރުކާރު ކޯލިޝަނުގައި ހިމެނޭ ބައެއް ޕާޓީތައް ރުއްސުމުގެ ގޮތުން އެމްޑީޕީގެ އުސޫލުތައް ދޫކޮށްނުލުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ގޮވައިލެއްވި ގޮވައިލެއްވުމަށް ތާއީދުކުރާ ކަމަށެވެ.

ރައީސް ނަޝީދަށް އަމާޒުކޮށްގެން ދިން ހަމަލާއަކީ ނަފްރަތު އުފެދުމަށް ބަޔަކު ކުރި ކަމަކުން ދީފައިވާ ހަމަލާއެއް ކަމަށާއި އެފަދަ ހަމަލާތައް ހުއްޓުވޭނީ މިހާރު މަޖިލީހަށް ހުށަހަޅާފައިވާ "ނަފްރަތު" ބިލު ފާސްކޮށްގެން ކަމަށް އެބަޔާނުގައި ވަނީ ބުނެފަ އެވެ.

އެމްޑީޕީ އުފެއްދުނީ އެއްވެއުޅުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، ހަމަހަމަކަމާއި، ދިރިހުރުމުގެ ޙައްޤު ހޯދައިދިނުމަކީ އަސާސްތަކެއް ކަމުގައި ކަނޑައަޅައިގެން ކަމަށް އެ ގޮފިތަކުން ނެރެފައިވާ ބަޔާންތަކުގައި ބުނެފައިވެ އެވެ.

ސަރުކާރުން އެންމެ ފުރަތަމަ ހުށަހެޅި ގޮތަށް ހެޔޮކަންކަމަށް އަމުރުކޮށް މުންކަރާތް ނަހީކުރުން ހުއްޓޭ ގޮތަށް، ނަފުރަތު އުފެއްދުން ކުށެއް ކަމުގައި ކަނޑައެޅުމަށް ކަމުގައި ބުނެ ސަރުކާރުން މަޖިލީހަށް ފޮނުވި ބިލު ފާސްކުރުމަށް ނަޝީދު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް އެމްޑީޕީގެ ޒުވާނުންގެ ގޮތްޕާއި އަންހެނުންގެ ރޫޙުންވެސް ތާއީދުކޮށްފައިވެ އެވެ.