ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ފިނިޝިން މަސައްކަތް ކުރުމަށް ދިނުމަށް ނިންމާފައިވާ ތިން މަހުގެ މުއްދަތު ގުނަށް ފަށާނެ ތާރީހެއް ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނެފި އެވެ.

އެޗްޑީސީއިން ބުނީ ހިޔާ ފްލެޓްގެ ފިނިޝިން މަސައްކަތް ކުރުމަށް ދީފައިވާ ތިން މަސް ދުވަސް ގުނަށް ފަށާނެ ތާރީހު އަންނަ ހަފްތާގައި އިއުލާނު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެއްބަސްވުމުގައި ސޮއިކުރުމާއެކު ފްލެޓް ލިބުނު ފަރާތްތަކަށް ދަޅުތަނޑި ހަވާލުކުރި ނަމަވެސް އަދި ފްލެޓްތަކަށް ކަރަންޓެއް ނުލިބެ އެވެ.

ހުޅުމާލެ ދެ ވަނަ ފިޔަވަހިއަށް ކަރަންޓް ދިނުމުގެ މަސައްކަތް ނިންމާލާފައިވާއިރު، ހިޔާ މަޝްރޫއުގެ ދަށުން ގާއިމްކޮށްފައިވާ 16 ޓަވަރަށް ކަރަންޓް ދިނުމުގެ މަސައްކަތް އަންނަ މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.

ހުޅުމާލެ ދެ ވަނަ ފިޔަވަހީގެ ފެނާއި ނަރުދަމާ މަސައްކަތް ކުރަމުން އަންނައިރު ހިޔާ ފްލެޓްތަކަށް ބޭނުންވާ ފެނާއި ނަރުދަމާ ކަނެކްޝަން ވަނީ ގުޅާފަ އެވެ. ކަރަންޓް ފްލެޓްތަކަށް ލިބުމުން ފެނާއި ނަރުދަމާގެ ހިދުމަތް ވެސް ލިބޭނެ އެވެ.

ހިޔާ ފްލެޓްގެ ކުލީގެ ގޮތުގައި މަހަކަށް 8،500 ރުފިޔާ ނެގުމަށް ނިންމާފައިވާއިރު މިކުލި ބަހާލާފައިވަނީ 25 އަހަރަށެވެ. އެހެން ނަމަވެސް ކުލި ބޮޑު ކަމަށް ބުނެ ހިޔާ ފްލެޓް ލިބުނު ގިނަ ފަރާތްތަކުން އަންނަނީ ޝަކުވާ ކުރަމުންނެވެ. އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ފްލެޓްގެ ކުލި ކުޑަކުރުމާއި ފިނިޝިންގެ މަސައްކަތް ނިންމުމަށް ދިނުމަށް ނިންމާފައިވާ ތިން މަސް ދުވަހުގެ ބަދަލުގައި ނުވަ މަސް ދިނުމަށް ސަރުކާރުގެ ކިބައިން ވަނީ އެދިފަ އެވެ.

އެހެން ނަމަވެސް މޭޔަރު ސަރުކާރުގެ ކިބައިން އެދިފައިވާ އެއްވެސް ކަމަކަށް މިހާތަނަށް އިޖާބައެއް ދީފަ އެއް ނުވެ އެވެ.