ހިޔާ ފްލެޓުގެ ކުލި ކުޑަ ކުރުމަށް ސަރުކާރާއެކު ކުރެވުނު މަޝްވަރާތަކަށް ވެސް ހައްލެއް ލިބިފައި ނުވާތީ އެންސްޕާ މެދުވެރިކޮށް ހިޔާ ފްލެޓް ލިބުނު ފަރާތްތަކަށް ހައުސިން ސަބްސިޑީއެއް ދިނުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މާލެ ސިޓީ ކައުންސިލުން ކުރަމުން އަންނަ މަސައްކަތްތަކާ ބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގައި މޭޔަރު މުއިއްޒު ވިދާޅުވީ ހިޔާ ފްލެޓްގެ ކުލި ކުޑަކުރުމަށް ރައީސް އޮފީހާއި ހައުސިން މިނިސްޓްރީ އަދި އެޗްޑީސީގެ ކިބައި އެދުނު ނަމަވެސް އެކަމަށް އެކަށީގެންވާ ޖަވާބެއް ލިބިފައިނުވާ ކަމަށެވެ.

މިސަރުކާރުން ހިޔާ ފްލެޓްގެ ކުލީގެ ގޮތުގައި ކަނޑައަޅާފައިވަނީ 8،500 ރުފިޔާ އެވެ.

މުއިއްޒު ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ހިޔާ ފްލެޓްގެ ކުލީގެ ގޮތުގައި ކަނޑައަޅާފައިވާނީ 5،500 ރުފިޔާ ކަމަށާއި އެވަރު ކުލީގެ ގޮތުގައި ނެގިނަމަވެސް އެޗްޑީސީއަކަށް ގެއްލުމެއް ނުވާނެ ކަމަށެވެ.

ހިޔާ ފްލެޓް ލިބުނު ފަރާތްތަކަށް ލުއި ގޮތެއް ހޯދުމުގެ މަސައްކަތް ސިޓީ ކައުންސިލުން ހުއްޓާނުލާނެ ކަމަށާއި އެގޮތުން ޕެންޝަން ފަންޑް ހިޔާ ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ނެގޭނެ ގޮތެއް އޮތްތޯ ބެލުމަށް މަޝްވަރާތަކެއްކުރި ކަމަށް މޭޔަރު ވިދާޅުވި އެވެ. ނަމަވެސް ޕެންޝަން ފަންޑު ލާރި ނެގުމުގައި ގާނޫނީ ގޮތުން ހުރަސްތަކެއް ކުރިމަތިވާ ކަމަށް ޕެންޝަން އޮފީހުން ބުނެފައިވާ ކަމަށް މޭޔަރު ފާހަގަ ކުރެއްވި އެވެ.

މީގެ އިތުރުން މުއިއްޒު ވިދާޅުވީ އެންސްޕާ މެދުވެރިކޮށް ހިޔާ ފްލެޓް ލިބުނު ފަރާތްތަކަށް ހައުސިން ސަބްސިޑީއެއް ދިނުމަށް އެންސްޕާއާއެކު މަޝްވަރާތައް ކުރަމުން އަންނަ ކަމަށެވެ.

"ދެން ސަރުކާރު ހުޅުވޭއިރު އެންސްޕާއާއެކު އިތުރު މަޝްވަރާތަކެއް ކުރެވިގެންދާނެ. މިހާރު ވެސް އެންސްޕާ މެދުވެރިކޮށް ހައުސިން ސަބްސިޑީ އަންނަނީ ދޫކުރަމުން،" މޭޔަރު ވިދާޅުވި އެވެ.

މިބައްދަލުވުމުގައި އިތުރަށް މޭޔަރު މުއިއްޒު ވިދާޅުވީ ހިޔާ މަޝްރޫއުގެ ދަށުން އިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓްތަކުގެ ފިނިޝިންގެ މަސައްކަތައްކުރުމަށް ނުވަ މަސް ދުވަހަށް އިތުރުކޮށް ދިނުމަށް އެޗްޑީސީގެ ކިބައިން އެދިފައިވާނެ ކަމަށެވެ.

ފިނިޝިން މަސައްކަތަށް ދިނުމަށް ހަމަޖެހިފައިވާ ތިން މަސް ދުވަހަކީ އެމަސައްކަތްތައް ކުރުމަށް އެކަށީގެންވާ މުއްދަތެއް ނޫން ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު

"ސަރުކާރު ސިޔާސަތު އެގޮތަށް ބަދަލުކޮށްދެއްވައި އެގޮތަށް އެޗްޑީސީއަށް އަންގައިދިނުމަށް އެދެން. ތިން މަސް ދުވަހަކީ ކުރުމުއްދަތެއް ކަމަށްވާތީ އެމުއްދަތު ނުވަ މަސް ދުވަހަށް ހައްދަވައިދެއްވަން. އޭރުން ރައްޔިތުންނަށް އަނެއްކާ ވެސް އިތުރު ލުއެއް ލިބިގެންދާނެ،" ކުރީގެ ހައުސިން މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ.

މިމަހުގެ ސާދަ ވަނަ ދުވަހުން ފެށިގެން ހިޔާ ފްލެޓް ލިބުނު ފަރާތްތަކާއި މެދުގައި އަންނަނީ އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ކުރަމުންނެވެ. ދިގު އިންތިޒާރަކަށް ފަހު ހިޔާ ފްލެޓް ލިބުނު ފަރާތްތަކަށް މިވަނީ ތަޅުދަނޑި ލިބިފަ އެވެ.