ވިލިމާލޭގައި ބަގީގެ ޚިދުމަތް ދޭނެ އިތުރު ފަރާތެއް ހޯދަން އިއުލާންކޮށްފި އެވެ.

މާލެ ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ވިލިމާލޭގައި ބަގީ ޚިދުމަތް ދިނުމަށް ބޭނުންވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތުން އަންނަ މަހުގެ 11 ވާ ބުދަ ދުވަހު 10:00 ގައި އެމްޑަބްލިޔުއެސްސީގެ ކަސްޓަމާ ސަރވިސް ބިލްޑިންގެ ހަތަރު ވަނަ ފަންގިފިލާގައި އޮންނަ މައުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިގެން ވިލިމާލޭގައި ބަގީގެ ޚިދުމަތް ދޭން ޝައުގުވެރިވާ ފަރާތްތަކުން ބީލަން ރެޖިސްޓްރޭޝަން ފޯމް ފުރިހަމަ ކުރުމަށްފަހު ހުށަހެޅުމަށް ސިޓީ ކައުންސިލުން ވަނީ އެދިފަ އެވެ. މި މަސައްކަތުގެ ތަފުސީލް މައުލޫމާތު ކަރުދާސް، މައުލޫމާތު ސެޝަންގައި ހަވާލުކުރެވޭނެ ކަމަށް ސިޓީ ކައުންސިލުން ނެރުނު އިއުލާނުގައި ބުނެފައިވެ އެވެ.

ސިޓީ ކައުންސިލުން ދޭ މައޫލޫމާތާ އެއްގޮތަށް ވިލިމާލޭގައި ބަގީގެ ޚިދުމަތްދޭން ބޭނުންވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ސިޓީ ކައުންސިލުން ހުޅުވާލާފައި ވަނީ އަންނަ ސެޕްޓެމްބަރ 12 ދުވަހުގެ ނިޔަލަށެވެ.

ވިލިމާލޭގައި އެންމެ ފުރަތަމަ ބަގީގެ ހިދުމަތް ދޭ ފަށާފައިވަނީ 2014 ވަނަ އަހަރު އެވެ. އޭރު ސިޓީ ކައުންސިލުން ބަގީގެ ހިދުމަތް ދިނުމަށް ހަވާލުކޮށްފައިވަނީ "ނައިންޓީ ނައިން ހޯލްޑިންގްސް" ނަމަކަށް ކިޔާ އަމިއްލަ ކުންފުންޏަކާ އެވެ.

އެ ކުންފުނިން ވިލިމާލެއަށް ބަގީގެ ޚިދުމަތް ތަޢާރަފުކޮށްފައިވަނީ "99 އިކޯ ކެބް ސާވިސަސް"ގެ ނަމުގަ އެވެ. ނަމަވެސް އެ ކުންފުނިން އެކަށީގެންވާ ގޮތަކަށް އެ ހިދުމަތް ނުދެވޭތީ ގިނަ ބަޔަކު ޝަކުވާކުރެ އެވެ.