ހުޅުމާލޭގެ ފަޅުގައި އޮތް ދޯންޏަކުން 100 ކިލޯއަށްވުރެ ގިނަ ޑްރަގް އަތުލައިގެންފި އެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފުލުހުން މިއަދު ހިންގި އޮޕަރޭޝަނެއްގައި ހެރޮއިން އަދި މެތް ހިމެނޭ ގޮތުން 100 ކިލޯއަށް ވުރެ ގިނަ އަދަދެއްގެ ޑްރަގް ހުޅުމާލޭ ފަޅުގައި އޮތް ދޯންޏަކުން އަތުލައިގަނެފައިވާ ކަމަށެވެ. ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ކުރިޔަށް ގެންދިޔަ އޮޕަރޭޝަން ޑްރަގް އިންޓެލިޖެންސް ޑިޕާޓްމަންޓާއި މެރިން ޕޮލިސް އިން ބައިވެރިވި ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ދޯނި އޮތް ސަރަހައްދުގެ ފަޅުތެރެއަށް ފީނައިގެން އެ ސަރަހައްދު ބެލުމުގެ މަސައްކަތް ވެސް ފުލުހުން އަންނަނީ ކުރަމުންނެވެ.

ހުޅުމާލޭ ފަޅުގައި އޮތް ދޯންޏަކުން ޑްރަގްތަކެއް އަތުލައިގަންނަން ފުލުހުން އޮޕަރޭޝަނެއް މިއަދު ހިންގަނީ.

ފުލުހުން ވަނީ ދާދިފަހުން އައްޑޫގައި ވެސް ޑްރަގް އޮޕަރޭޝަނެއް ހިނގައި 90 ކިލޯއަށްވުރެ ގިނަ ޑްރަގް ކަނޑުމަތިން އަތުލައިގެންފަ އެވެ. މި މައްސަލައާ ގުޅިގެން 14 މީހުން ހައްޔަރުކުރުމަށްފަހު ބައެއް މީހުން ވަނީ ދޫކޮށްލައިފަ އެވެ.